މަރްޔަމް ނަހްދާ ވަޙީދު   1 މާރިޗު 2026 - 10:32
މިއީ ރޯދަ މަހުގެ ރޯދަވީއްލުމަށް ތައްޔާރުކޮށްލަން ވަރަށް ފަސޭހަ، އަދި ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އެހާމެ މީރުވާނެ ފޮނިކާއެއްޗެކެވެ. އާންމުކޮށް ރިޕްލް ކޭކު ހަދާއިރު ބޭނުންކުރާ ބިސްކޯދުގެ ބަދަލުގައި، މި ރެސިޕީގައި ބޭނުންކޮށްފައިވަނީ "ޗިޕްސްމޯ ޑަބަލް ޗޮކް" ބިސްކޯދެވެ. މީގެ ސަބަބުން ކޭކަށް އިތުރު ފުރިހަމަކަމާއި ޗޮކްލެޓް ރަހަ ލިބިގެންދާނެއެވެ.

ބޭނުންވާ ތަކެތި:

- 2 ފެކެޓް ޗިޕްސްމޯ ޑަބަލް ޗޮކް ބިސްކޯދު

- 500ml ވިޕިންގް ކްރީމް

- 2 ސައިސަމުސާ އައިސިންގް ޝުގަރ

- 1 ސައިސަމުސާ ވެނީލާ އެސެންސް

- ކުޑަ ކިރުކޮޅެއް (ބިސްކޯދު ފޯކޮށްލަން)

- ގާނާފައި ހުރި ޗޮކްލެޓް ނުވަތަ ކޮކޯ ޕައުޑަރު (މައްޗަށް ބުރުވާލަން)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޮޑު ބޯތަށްޓެއްގައި ފިނިކޮށް ހުރި ވިޕިންގް ކްރީމް، އައިސިންގް ޝުގަރ އަދި ވެނީލާ އެސެންސް އެއްކޮށްލުމަށްފަހު، ރަނގަޅަށް އޮލަވަންދެން އެއްކޮށްލާނީއެވެ. ދެން ކޮންމެ ބިސްކޯދެއް ކިރު ތަށްޓެއްގެ ތެރެއަށް ކުޑަކޮށް ގަންބާލުމަށްފަހު (ގިނައިރު ބާއްވައިގެން ބިސްކޯދު ފަތްފަތް ވިޔަނުދޭށެވެ)، ކޭކު އަޅާ ޓްރޭއެއްގައި ނުވަތަ ތަށްޓެއްގައި ފަށަލައަކަށް އަތުރާލާށެވެ.

ފުރަތަމަ ބިސްކޯދު ފަށަލައެއް އެތުރުމަށްފަހު، އޭގެ މަތީގައި ތައްޔާރުކުރި ކްރީމްގެ ބައެއް އޮމާންކޮށް އަތުރާލާށެވެ. މިގޮތަށް ބިސްކޯދު އަދި ކްރީމް، ފަށަލަ ފަށަލައަށް އަތުރަމުން ގެންދާށެވެ. އެންމެ މަތީ ފަށަލައަކަށް ވާންވާނީ ކްރީމެވެ.

ކޭކު ފުރިހަމަކުރުމުގެ ގޮތުން، އޭގެ މައްޗަށް ގާނާފައި ހުރި ޗޮކްލެޓް ނުވަތަ ބާކީ ހުރި ބިސްކޯދު ކުނޑިކޮޅެއް ބުރުވާލާށެވެ. ބޭނުންނަމަ ކޭކު ރީތިކޮށްލުމަށްޓަކައި ފުރުޓު ވެސް އޭގެ މައްޗަށް އަޅާލެވިދާނެއެވެ. އެއަށްފަހު ކޭކު ރަނގަޅަށް ސެޓުވުމަށާއި ބިސްކޯދުތައް މަޑުވުމަށްޓަކައި، މަދުވެގެން 4 ގަޑިއިރު ނުވަތަ މުޅި ރޭ ފްރިޖުގައި ފިނިކުރަން ބަހައްޓާށެވެ.

މި ކޭކަކީ ރޯދަވީއްލާ ގަޑީގައި ފިނިކޮށްލައިގެން ކާލަން ވަރަށް މީރު އެއްޗެކެވެ.



ކިޔުންތެރިންގެ ހިޔާލު