ދުނިޔޭގެ ސިޔާސީ މަސްރަހު ނުތަނަވަސްކަމެއްގެ ތެރޭގައި ވަނިކޮށް، 2026 ފެބްރުއަރީ 28 ވީ ހޮނިހިރު ދުވަސް ވެގެން ގޮސްފައިވަނީ، މެދުއިރުމަތީގެ ތާރީޚު ބަދަލުކޮށްލި ނުހަނު ބިރުވެރި ދުވަހަކަށެވެ. އެމެރިކާ އާއި އިސްރާއީލް ގުޅިގެން އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް ދޭންފެށި ވަރުގަދަ ވައިގެ ހަމަލާތަކާއެކު، މުޅި ސަރަހައްދު ހަނގުރާމައިގެ ބޯވިލާތަކުގެ ތެރެއަށް ވެއްޓުނެވެ. މި އޮޕަރޭޝަނަކީ އީރާނުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ ސިފަކޮށްފައެވެ.

މި ހަމަލާތައް އަމާޒުވެފައިވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، ނުސީދާ ނިއުކްލިއާ މަޝްވަރާތަކުން ކުރިއެރުމުގެ އަލާމާތްތައް ފެނި، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ މެދުވެރިކޮށް އިތުބާރު އުފެއްދުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވެވުނުތާ އެންމެ ދުވަހެއް ފަހުން މި ހަމަލާ ދިނުމުންނެވެ. މިކަމުގެ ސަބަބުން އެމެރިކާ އާއި އިސްރާއީލުގެ ނިޔަތާމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ސުވާލު އުފެދިފައެވެ.

އީރާނުގެ އެކި ސިޓީތަކުގައި ގޮވުންތަކުގެ އަޑު އިވިގެންދިޔަ މި "ސަޕްރައިޒް ޖޮއިންޓް އޮޕަރޭޝަން" އިއުލާން ކުރަށްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ "ބޮޑެތި ހަނގުރާމަވެރި އޮޕަރޭޝަންތަކެއްގެ" ފެށުން ކަމަށެވެ. އިސްރާއީލުން ބުނަމުންދަނީ އީރާނުގެ އަމަލުތައް ހުރިގޮތުން މި ނޫން ގޮތެއް ނެތް ކަމަށެވެ. މި ހާލަތާ ގުޅިގެން އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި ރައީސް މަސޫދު ޕެޒެޝްކިއަން ވަނީ އދ. އަދި ބައިނަލްއަގްވާމީ މީޑިއާތައް މެދުވެރިކޮށް، މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ހާމަކުރަށްވާފައެވެ.

މި ހަމަލާތަކުގައި ލިބުނު އިންސާނީ ގެއްލުންތައް ނުހަނު ބޮޑެވެ. އީރާނުގެ ރެޑް ކްރެސެންޓުން ހާމަކުރި ގޮތުގައި، ފުރަތަމަ ހަމަލާތަކުގައި އެކަނިވެސް 201 މީހުން މަރުވެ، 700 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހިތާމަވެރި ކަމަކީ، މި ހަމަލާތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި، މިނާބުގެ އަންހެން ކުދިންގެ ސްކޫލަކަށްވެސް އަމާޒުވެފައިވުމެވެ. މިއީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ލާއިންސާނީ އަމަލެކެވެ.

އީރާނުން މި ހަމަލާތަކަށް ދިނީ ވަރުގަދަ ރައްދެކެވެ. އެގޮތުން ގަތަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދު އެއާ ބޭސްއަށާއި، ޔޫއޭއީގައި އޮންނަ އެމެރިކާގެ އަލް ދަފްރާ އެއާ ބޭސްއަށާއި، ބަހްރެއިންގައި އޮންނަ އެމެރިކާގެ ފަސްވަނަ ފްލީޓަށް އަމާޒުކޮށް އީރާނުން ވަނީ ހަމަލާ ދީފައެވެ. މީގެ އިތުރުން، ދުނިޔޭގެ އިގްތިސާދީ މުހިންމު މަގު ކަމަށްވާ "ސްޓްރޭޓް އޮފް ހޮރްމުޒް" އީރާނުން ބަންދުކުރުމާ ގުޅިގެން، ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.

މި ހާލަތާ ގުޅިގެން ރަޝިޔާ، ޗައިނާ، ތުރުކީ، އަދި ޕާކިސްތާން ފަދަ ގައުމުތަކުން ވަނީ އެމެރިކާގެ އަމަލުތައް ކުށްވެރިކޮށް، މިއީ މެދުއިރުމަތި ބޮޑު ވަޅުގަނޑަކަށް ވައްޓާލުމުގެ ރޭވުމެއް ކަމަށް ބުނެފައެވެ. ހަމައެއާއެކު، ހިޒްބުالله ފަދަ ޖަމާއަތްތަކުން ވަނީ އީރާނާއެކު ސާބިތުވެ ތިބިކަން ހާމަކޮށްފައެވެ.

އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ގައުމުގެ ރައްދަކީ ހަމައެކަނި އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެކެވެ. އީރާނަކީ އެއްވެސް ބަޔަކަށް ޖެހިލުންވާނެ ގައުމެއް ނޫންކަން ސާބިތުކޮށްދެމުން، އެ ގައުމުން ބުނެފައިވަނީ އަދާވާތްތެރިކަން ހުއްޓާލައި އިސްތިގުލާލަށް އިހްތިރާމް ކުރާނަމަ އަދިވެސް މަޝްވަރާގެ ދޮރު ހުޅުވިފައިވާ ކަމަށެވެ. ފެބްރުއަރީ 28 ވެގެންދިޔައީ އީރާނުގެ ހިތްވަރާއި، ނުގުޑާ އަޒުމް މުޅި ދުނިޔެއަށް ދައްކައިދިން ތާރީޚީ ދުވަހަކަށެވެ.



ކިޔުންތެރިންގެ ހިޔާލު