ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ކެނޑިޑޭޓުންގެ ފަރާތުން ކަނޑައަޅާ މަންދޫބުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން (އީސީ) މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، މި ފުރުސަތު ހުޅުވާލީ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ކެނޑިޑޭޓުންގެ ފަރާތުން ބެލުމުގެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން، ކެނޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ ވޯޓުލާ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަންކުރުމުގެ އިޚުތިޔާރު ކޮންމެ ކެނޑިޑޭޓަކަށްވެސް ލިބިގެންވެއެވެ.

މަންދޫބުންގެ ގޮތުގައި އައްޔަންކުރާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިން ކަމުގައި ވާންޖެހެއެވެ. މީގެ އިތުރުން ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަސައްކަތެއްގައި ހަވާލުވެހުރި މީހަކު ކަމުގައި ނުވުމާއި، ފަނޑިޔާރެއް، މިނިވަން މުއައްސަސާއެއްގެ މެންބަރެއް ނުވަތަ ވެރިއެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާއެކު ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ ބޭކަލަކު ކަމުގައި ނުވުމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުމާއި، އިންތިޚާބުގެ އެހެން މަޤާމަކަށް ކުރިމަތިލާފައިވާ މީހަކު ކަމުގައި ނުވުމާއި، ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނޭ ކަމަށް އީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އިގުރާރުވާން ޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 މާރިޗު 07 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށެވެ. ފޯމު ހުށަހަޅަންޖެހޭނީ އީސީގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު