މިހާރު އޮތް ސަރުކާރުން ހިންގަމުންދާ "ވިޔާނުދާ" ކަންތައްތައް ހުއްޓުވުމަށްޓަކައި، ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ޒަރިޔަންދު އިސްމާޢިލްގެ ކެމްޕޭން ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އިޞްލާޙުކޮށް، ތަރައްޤީގެ މަގުގައި ކުރިއަށްދާން ބޭނުންވާނަމަ، އަދި ހިދުމަތް ދިނުމުގައި އިންސާފާއި ހަމަހަމަކަން ޤާއިމުކުރަން ބޭނުންވާނަމަ، އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމު އަދިވެސް ތިބީ އެންމެ ކުރީ ސަފުގައި ކަމަށެވެ. އަދި މިހާރު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެފަދަ އިސްލާހީ ބަދަލެއް ނުގެނެވޭނީ، އެ ބޭފުޅުން "ނަގޫފިތިފައި" ތިބުމުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ހުއްޓުވަން މަސައްކަތް ކުރަން އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަނީ އެ ފަރާތްތަކާއި ސިޔާސީ ފިކުރު ދިމާވާތީ ނޫން ކަމަށެވެ. ނަމަވެސް، ބޮޑު ނުބައެއް ނުވަތަ "ޝައިތާނެއް" ދުރުކުރުމަށްޓަކައި ދެން ތިބި ބަޔަކު އެއްގަލަށް އަރަންޖެހޭ ކަމަށް އެމަނިކުފާނު މިސާލު ޖެއްސެވިއެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ފާއިތުވެ މިދާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް އުނދަގުލާއި ގިލަންވެރިކަން އިތުރުވަމުންދާ ދުވަސްތަކެކެވެ.

މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު ނެރުއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޒަރިޔަންދަކީ އެމަނިކުފާނާ މާޒީގައި މާ ބޮޑު ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށާއި، އޭނާއަކީ އެމަނިކުފާނުގެ ޕާޓީގެ މެންބަރެއްވެސް ނޫން ކަމަށެވެ. އެހެންނަމަވެސް، ޒަރިޔަންދު ނެރުއްވުމުގައި އިސްކުރެއްވީ ގައުމީ މަސްލަހަތު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ވެރިކަމުގައި އޮންނަ ޕާޓީއަކުން ދައްކާ މީހަކު ނަގައިގެން މާލެއާއި ހުޅުމާލޭގެ ކަންތައްތައް އާ ގޮތަކަށް ދާނެ ކަމަކަށް. މާލެ ސިޓީ ކައުންސިލްގެ މޭޔަރަކީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ ކައިރީގައި ހުންނަ ޑެސްކަކަށް ވެގެން ނުވާނެ،" ރައީސް މުއިއްޒުގެ ސަރުކާރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި މިހާރުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި، އެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދެއްވާނެ ބޭފުޅަކީ ޒަރިޔަންދު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޒަރިޔަންދު އިންތިޚާބު ވެއްޖެނަމަ، ރައްޔިތުންގެ ކުރިމަތީގައި ވެފައިވާ ވަޢުދުތައް ފުއްދަވައި، އިންސާފުވެރިކަމާއެކު މާލެއާއި ހުޅުމާލޭގެ ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަތެވެ.



ކިޔުންތެރިންގެ ހިޔާލު