އަހުމަދު ޔާމިން   27 ފެބްރުއަރީ 2026 - 15:2
ޗިކަން ޕުލާއޯ އަކީ ރޯދަ ވީއްލާ ގަޑިއަށާއި ހާރުކެއުމަށް ވަރަށް މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ކެއުމެކެވެ. މި ރެސިޕީއަކީ ގާތްގަނޑަކަށް 30 މިނެޓުން ތައްޔާރުކޮށްލެވޭނެ، 6 މީހުންނަށް ފުދޭވަރުގެ މިންވަރެކެވެ.

ކުކުޅު ސުރުވާ އަށް ބޭނުންވާނެ ތަކެތި:

½ ކިލޯ ކުކުޅު، 2 ފިޔާ (ކިއުބޮކޮށް ކޮށާފައި)، ½ ސައިސަމުސާ އަސޭމިރުސް ފުއް، ½ ސައިސަމުސާ ކޮތަނބިރި ފުއް، ½ ސައިސަމުސާ ކަރަންފޫ، 6 ރަތް ތޮޅި މިރުސް

ހަވާދާއި އެހެނިހެން ބާވަތްތައް:

½ ޖޯޑު ބަޓަރު، 1 ފިޔާ (ތުނިކޮށް ކޮށާފައި)، 1 ބިރިޔާނީ މާ (ސްޓާރ އެނައިސް)، ފޮނިތޮށި ގަނޑެއް، 1 މޭޒުމަތީ ސަމުސާ ދިރި، 5 ކާފޫރުތޮޅި، 1 މޭޒުމަތީ ސަމުސާ އިނގުރު ޕޭސްޓް، 5 ފެހި މިރުސް، ރަހަލާ ވަރަށް ލޮނު، ½ ކިލޯ ހަނޑޫ (ފެނު އަޅާފައި)، ރީނދޫ ކުލަކޮޅެއް، ކޮތަނބިރި ފަތް އަދި ފެހި މިރުސް (ގާނިޝް ކުރުމަށް)

ސުރުވާ ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅު ސުރުވާ ތައްޔާރުކުރުމަށްޓަކައި، ސުރުވާއަށް ބޭނުންވާ ހުރިހާ ބާވަތްތަކެއް ތެއްޔަކަށް އަޅާށެވެ. އެއަށްފަހު 4 ޖޯޑު ފެން އަޅައިގެން، މެދުމިނުގެ ހޫނުމިނެއްގައި ބަހައްޓައިގެން ކައްކާށެވެ. ކެކެމުންދާއިރު މައްޗަށް އަރާ ފޮނުތައް (ފިއްލެޔޮ) ސަމުސަލަކުން ނަގައި ސާފުކުރަންވާނެއެވެ. ކުކުޅު ރަނގަޅަށް ރޯފިލައި މަޑުވުމުން އުނދުންމަތިން ބާލާށެވެ.

ފިޔާ މީރުކުރުން: އުނދުން މައްޗަށް ތެއްޔެއް އުދައި ބަޓަރުކޮޅު ވިރުވާލާށެވެ. ބަޓަރު ވިރުމުން ތުނިކޮށް ކޮށާފައި ހުރި ފިޔާކޮޅު އަޅައި ރަތްވަންދެން މީރުކުރާށެވެ.

ހަވާދު އެއްކުރުން: ފިޔާގަނޑު މީރުވުމުން އޭގެ ތެރެއަށް ބިރިޔާނީ މާ، ދިރި، ފޮނިތޮށި، ކާފޫރުތޮޅި އަދި ކުރިން ތައްޔާރުކުރި ކުކުޅުތައް އެއްކުރާށެވެ. އެއަށްފަހު އިނގުރާއި ލޮނުމެދު ޕޭސްޓް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ސުރުވާ އެޅުން: ފޮނިތޮށްޓާއި ކާފޫރުތޮޅީގެ މީރުވަސް ދުވަން ފެށުމުން، ފެހި މިރުހާއި ކުރިން ތައްޔާރުކުރި ކުކުޅު ސުރުވާ (ފެނާއެކު) ފިޔާގަނޑުގެ ތެރެއަށް އަޅައި ކައްކަން ފަށާށެވެ.

ބަތް ކެއްކުން: ސުރުވާގަނޑު ކެކެން ފެށުމުން ފެނު އަޅާފައި ހުރި ހަނޑޫ އޭގެ ތެރެއަށް އަޅާށެވެ. ތެލީގައި ހުރި ފެންގަނޑު ހިނދެމުން ގޮސް، އާތްވަށްވެ ތެލީގެ ހަތަރުބައިކުޅަ ތިންބަޔަށް ވުމުން ކުޑަ ރީނދޫ ކުލަކޮޅެއް އަޅާލާށެވެ. އަދި މައްޗަށް ކޮތަނބިރި ފަތްކޮޅެއް އެޅުމަށްފަހު، ތެލީގެ މަތި ޖަހައިގެން ގާތްގަނޑަކަށް 10 އާއި 15 މިނެޓާ ދެމެދު މަޑު ގިނީގައި ކައްކާލާށެވެ.

މިހާރު މިވަނީ މީރުވަސްދުވާ، ރަހަގަދަ ޗިކަން ޕުލާއޯ ތައްޔާރުކޮށް ނިމިފައެވެ. ކޮތަނބިރި ފަތާއި ފެހި މިރުހުން ގާނިޝްކޮށްލުމުން އިތުރަށް ފުރިހަމަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު