މަރްޔަމް ނަހްދާ ވަޙީދު   27 ފެބްރުއަރީ 2026 - 10:51
ރޯދަ މަހުގެ މީރު ސުފުރާތަކަށް އިންސާފުކުރާއިރު، ފޮނި އެއްޗެއްގެ ގޮތުގައި ބިސްކޮފް ޗީޒްކޭކަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އަދި އެހާމެ މީރު ބާވަތެކެވެ. މިއީ އަވަނުން ފިހަން ނުޖެހި، ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

- 250 ގްރާމް ބިސްކޮފް ބިސްކޯދު (މުގުރާފައި

- 100 ގްރާމް ބަޓަރު (ވިރުވާފައި)

- 400 ގްރާމް ކްރީމް ޗީޒް (ކޮޓަރީގެ ހޫނުމިނުގައި ހުރި)

- 250 ގްރާމް ބިސްކޮފް ސްޕްރެޑް

- 1/2 ޖޯޑު އައިސިން ޝުގަރ

- 1 ސައިސަމުސާ ވެނީލާ އެސެންސް

- 250 އެމްއެލް ވިޕިންގް ކްރީމް

ތައްޔާރު ކުރާނެ ގޮތް:

ޗީޒްކޭކުގެ ބޭސް ތައްޔާރުކުރުމަށްޓަކައި އެންމެ ފުރަތަމަ މުގުރާފައި ހުރި ބިސްކޯދުތަކުގެ ތެރެއަށް ވިރުވާފައި ހުރި ބަޓަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭގައި ބިސްކޯދުތައް ފަތުރާލުމަށްފަހު، ސަމުސަލަކުން ފިއްތާލައި އެއްވަރުކޮށްލާށެވެ. އަދި ސެޓްވަންދެން ފްރިޖަށް ލާށެވެ.

ޗީޒް މިކްސްޗަރ ތައްޔާރުކުރުމަށްޓަކައި ބޮޑު ބޯތައްޓެއްގައި ކްރީމް ޗީޒް އަދި އައިސިން ޝުގަރ އެއްކޮށްލައި އޮމާންވަންދެން ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބިސްކޮފް ސްޕްރެޑް (ގާތްގަނޑަކަށް 200 ގްރާމް) އަދި ވެނީލާ އެސެންސް އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ.

އެއަށްފަހު އިތުރު ބޯތައްޓެއްގައި ވިޕިންގް ކްރީމްކޮޅު ރަނގަޅަށް ފޮނު އަރަންދެން ގިރާލާށެވެ. ދެން މި ވިޕިންގް ކްރީމްކޮޅު ކުރިން ތައްޔާރުކުރި ޗީޒް މިކްސްޗަރ ތެރެއަށް މަޑުމަޑުން އަޅައި އެއްކޮށްލާށެވެ.

ލޭޔަރ ކުރުމަށްޓަކައި ފްރިޖުން ބިސްކޯދު ޓްރޭ ނެގުމަށްފަހު، އޭގެ މައްޗަށް ޗީޒް މިކްސްޗަރ އަޅައި އޮމާންކޮށްލާށެވެ. އަދި ބާކީ ހުރި ބިސްކޮފް ސްޕްރެޑްކޮޅު ކުޑަކޮށް ހޫނުކޮށްލައި (ވިރުވާލައިގެން) ޗީޒްކޭކުގެ މައްޗަށް އޮއްސާލާށެވެ. ބޭނުންނަމަ ބިސްކޯދު ކުނޑިކޮޅަކުން މަތި ޒީނަތްތެރިކޮށްލެވިދާނެއެވެ. ތައްޔާރުކުރި ޗީޒްކޭކް މަދުވެގެން 6 ގަޑިއިރު ނުވަތަ މުޅި ރޭ ފްރިޖުގައި ބަހައްޓައިގެން ފިނިކުރާށެވެ.

ރޯދަ ވީއްލާ ގަޑީގައި ނުވަތަ ހާރު ދަމުގައިވެސް މިއީ ކާލަން ވަރަށް މީރު އަދި ފަސޭހަ ޑެޒާޓެކެވެ.



ކިޔުންތެރިންގެ ހިޔާލު