ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ތަރާވީސް އިވެންޓެއްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ބޮޑެތި ދޮގުތަކެއް ހަދަމުންދާ ކަމަށެވެ. ޚާއްޞަކޮށް ދެ އިންތިޚާބު އެއްކޮށްލަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކައަކީ އެއްވެސް ޙަޤީޤަތެއް ނެތް އޮޅުވާލުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

" ދެ އިންތިޚާބު އެއްކޮށްލާށޭ މިއުޅެނީ. ފުރަތަމަ ކަމަކަށް މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. މިއުޅެނީ ރައްޔިތުންގެ ހުރި ހިޔާލުތަކެއްގެ އަލީގައި ދެ އިންތިޚާބެއް އެއްދުވަހެއްގައި ބާއްވަން. މިއުޅެނީކީ ދެ އިންތިޚާބެއް އެއްކުރާކަށް ނޫން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް (ރެފަރަންޑަމް) ނާހައި ކަންކަން ނިންމެވެން އޮތް އޮތުން މިހާރު ވަނީ ޤާނޫނަކުން އިޞްލާޙުކުރައްވައި ބަދަލުކުރައްވާފައެވެ. ނަމަވެސް މި ރެފަރަންޑަމް ވޯޓާ ގުޅުވައިގެންވެސް އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށާއި، އެއީ ދެ އިންތިޚާބު އެއްކޮށްލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދެ އިންތިޚާބު އެއްކޮށްލުމަށް ނޫން ކަމަށާއި، ބޭނުމަކީ އިދާރީ ގޮތުންނާއި ޚަރަދުގެ ގޮތުން ބެލިޔަސް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ.

މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ކުދި ޕިކަޕާއި ބޮޑެތި ޕިކަޕުތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ބޮޑެތި ދޮގުތައް ފަތުރަމުންދާ ކަމަށް ވިދާޅުވެ ޝިޔާމް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު