ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މަސްވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ އިތުރުކޮށް، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހއ. ކެލާގައި ބާއްވައިފިއެވެ.

"އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުން" މައުޟޫއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ މަހުގެ 17 އިން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމުގައި ޖުމްލަ 13 ފަރާތަކުން ބައިވެރިވެ، ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 10 އަންހެނުންނާއި 3 ފިރިހެނުންނެވެ. މިއީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށާއި، ޚާއްސަކޮށް އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެކެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، މަހުން ތައްޔާރުކުރެވޭ ތަފާތު އަގުއެއްކުރި އުފެއްދުންތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދީފައިވެއެވެ. އަދި ހަމައެކަނި ތިއަރީ މައުލޫމާތުގެ އިތުރުން، އަމަލީ ގޮތުން އެފަދަ ބާވަތްތައް ތައްޔާރުކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދީ، އަމިއްލައަށް އެ ތަކެތި ތައްޔާރުކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މީގެއިތުރުން، އުފައްދާ ތަކެތި ވިޔަފާރީގެ އުސޫލުން މާކެޓުކޮށް، ކުދި ވިޔަފާރި ފަށައި ހަރުދަނާ ގޮތެއްގައި ހިންގާނެ ގޮތުގެ ހުނަރުތައް ވެސް ބައިވެރިންނަށް ވަނީ އުނގަންނައިދީފައެވެ.

މި ތަމްރީނުތަކުގައި ބައިވެރިންނަށް މައުލޫމާތު ދެއްވައި، ހުނަރުތައް ދަސްކޮށްދެއްވީ މިނިސްޓްރީގެ ޓްރެއިނިން އެންޑް އެކްސްޓެންޝަން ސެކްޝަންގެ ފަންނީ މުވައްޒަފުންނެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށާއި، މި ދާއިރާއިން ފަންނީ އަދި ހުނަރުވެރި މީހުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި ސިލްސިލާ ޕްރޮގްރާމްތަކުގެ ދަށުން، މިހާތަނަށް ޖުމްލަ 91 މީހަކު ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް