ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމަށް އިދިކޮޅު އެމްޑީޕީން މިއަދު ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުތަކެއް ކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ވަޙީދު ވިދާޅުވީ، ސްރީލަންކާ އާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ކަނޑައެޅީ 2،000 މީހުންގެ މާ މަތީ ތްރެޝްހޯލްޑެއް ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް ވޯޓު ލުމުގެ ފުރުސަތު ހަނިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ އެލަވަންސެއް ނުދެވޭ، އެހެންވީމާ އެ ފަރާތްތަކުގެ ވޯޓު ސަރުކާރަށް ނުލިބޭނެކަން ޔަގީންވާތީވެ އިލެކްޝަން ކޮމިޝަން ބޭނުންކޮށް، އެ ތަންތަނުގަ ވޯޓުފޮށި ބެހެއްޓުން އެއީ ނެތް ކަމެއްގެ ގޮތުގައި ހެދީ." ވަޙީދު ވިދާޅުވިއެވެ.

ވަޙީދު ވަނީ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ރާއްޖޭން ބޭރުގައި ވޯޓުފޮށި ބަހައްޓަން ކަނޑައަޅާފައިވާ ތްރެޝްހޯލްޑް ދަށްކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.

"ރާއްޖެއިން ބޭރުގައި އާއި ސިނާއީ ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި މިހާރު ތިބޭފުޅުން ކަނޑައަޅާފައި ހުރި ތްރެޝްހޯލްޑްތައް ދަށްކޮށް އެ ސަރަހައްދުތަކުގައި ވޯޓުލެވޭނެ ގޮތެއް އެބަ ހަދަންޖެހޭ،" ވަޙީދު ވިދާޅުވިއެވެ.

ވަޙީދު މިހެން ވިދާޅުވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނީ، އެހެން ތަންތަނަށް ވޯޓުލުމަށް ޖުމްލަ 26،454 މީހުން ރީ-ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް މީހުން ރަޖިސްޓަރީވެފައި ވަނީ 21 ރިސޯޓެއްގައެވެ.

އާންމުކޮށް ރާއްޖޭން ބޭރުގައި ދިވެހިން ގިނައިން އުޅޭ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓި ނަމަވެސް، މި އަހަރު އެއްވެސް ގައުމަކުން ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ މިންވަރަށް މީހުން ރީ-ރަޖިސްޓަރީ ކޮށްފައި ނުވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294،937 މީހުންނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ. މި އިންތިޚާބުގައި ލޯކަލް ގަވަމަންޓްގެ 1،356 މަންދޫބުން އިންތިޚާބު ކުރާނެއެވެ. އެއީ ކައުންސިލްތަކަށް 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު