ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ). އާއި ރައީސް ނަޝީދު (މ). އަދި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް (ވ)
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ކ). އާއި ރައީސް ނަޝީދު (މ). އަދި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް (ވ)
އެމްޑީޕީ ނުފެތޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރު ކުރަށްވައިފިއެވެ.

2012 ވަނަ އަހަރު އެމްޑީޕީގެ އޭރުގެ ވެރިކަން ބަދަލު ވުމަށް ފަހު އެމްޑީޕީގެ މެމްބަރުންގެ ލޭ ކައްކުވާ ލުމަށް ރައީސް ނަޝީދު އެންމެ ޢާއްމުކޮށް ވިދާޅުވާ އެއް ބަސްފުޅު ކަމަށްވާ "މި އޮޑިއެއް ނުފެތޭނެ" ކަމަށް މިއަދު އިރުއޮއްސެން ގާތްވެފައި ވަނިކޮށް އެމަނިކުފާން ވިދާޅުވެފައި މިވަނީ، އެމަނިކުފާނަކީ މިހާރު މިއޮތް އެމްޑީޕީ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް މިއަދު ހެނދުނު ވިދާޅުވުމަށް ފަހުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެެއްގައި ރައީސް ނަޝީދު ވިދާޅުވީ "ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެންގެ މި އޮޑިއެއް ނުފެތޭނެ. އަޅުގަނޑުމެންނަށް ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ. ރައްޔިތުންނަށް ހެޔޮގޮތް ހޯދާދެވޭނެ" ކަމަށެވެ.



ރައީސް އިބްރާހިމާއި، ރައީސް ނަޝީދު މިއަދު ކުއްލި ގޮތަކަށް ބައްދަލު ކުރަށްވާފައި މިވަނީ ރައީސް ނަޝީދަކީ މިހާރުގެ ސަރުކާރުގެ ބައިވެރިއެއް ނޫންކަމަށް ވިދާޅުވެ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކެވިތާވެސް މާ ގިނައިރުތަކެއް ނުވެއެވެ.

ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ދާދި ދެންމެ އަޅުގަނޑުމެން ބައްދަލުކުރިން. ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރިން. ކޯވިޑް-19 އާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރިން. ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް" ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސް ނަޝީދުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމާއި ބެހޭ ތަފުސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރަށްވައެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގެ ހިންގުމާއި ކޯވިޑާއި ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ކަންކަން ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހާއި އެކީ މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. މީގެކުރިންވެސް ކޯވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި ދެބޭފުޅުންވަނީ ރައީސް ދިރިއުޅުއްވާ މުލީއާގޭގައި މިފަދަ ބައްދަލުވުމެއް ބާއްވަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ހަސަނު

09-Oct-2020

ރައީސު ނަޝީދު އޮޑިބަދެފަ އޮތީ މާވަރުގަދަޔަށް 😃 ގަޑި ޖެހުނީމަ ފެތުނީ 😃 އިންސާނުންނަކަށް ނޭގޭނެ ކުރިޔަށް ވާނެ ގޮތެއް 😃



ޓްރެންޑިން