އެމެރިކާގެ ކެލިފޯނިއާގެ ޖަލެއްގައި 40 އަހަރު ދުވަހު ބަންދުކޮށްފައި ހުރި ގައިދީއަކު، 136 ގަޑިއިރު މަސައްކަތް ކޮށްގެން އޭނާއަށް އުޖޫރައިގެ ގޮތުގައި ލިބުނު 17.74 ޑޮލަރު ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ހަދިޔާކުރުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

"ހަމްޒާ" ގެ ނަމުން މަޝްހޫރުވި މި މީހާއަކީ ޖަލުގައި ކުނިކަހާ މީހެއްގެ ގޮތުގައި ގަޑިއަކު އެންމެ 13 ސެންޓަށް މަސައްކަތްކުރާ މީހެކެވެ.

ހަމްޒާގެ މި އޯގާތެރި އަމަލުގެ ވާހަކަ ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައީ އޭނާއާ ގާތް ގުޅުމެއް ބާއްވާ ފިލްމު އުފައްދާ މީހެއް ކަމަށްވާ ޖަސްޓިން މަޝޫފް، ހަމްޒާގެ މަސައްކަތު ތާވަލާއި އޭނާ ހަދިޔާކުރި ޗެކުގެ ފޮޓޯއެއް ހިއްސާކުރުމުންނެވެ.

ގާޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު ހަމްޒާ ނުހަނު ކަންބޮޑުވާ ކަމަށާއި، އޭނާގެ އަތުގައި ހުރި މަދު ފައިސާކޮޅު ހަދިޔާކުރީ އެހެންވެގެން ކަމަށް މަޝޫފް ބުންޏެވެ.

މި ޚަބަރު ފެތުރުމާއެކު، ހަމްޒާގެ އޯގާތެރިކަމަށް ސާބަސްދީ، އޭނާއަށް އެހީތެރިވުމަށްޓަކައި އާންމުން އިސްނަގައިގެން "ގޯ ފަންޑް މީ" ޕޭޖެއް ހުޅުވިއެވެ. މި ފަންޑަށް އެކި މީހުން ދިން އެހީތަކާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 100,000 އަށްވުރެ ގިނަ ޑޮލަރު (ގާތްގަނޑަކަށް 1.5 މިލިއަން ދިވެހި ރުފިޔާ) ވަނީ ޖަމާވެފައެވެ.

އުމުރުން 16 އަހަރުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މީހަކު މަރުވުމާ ގުޅިގެން ޖަލަށްލެވުނު ހަމްޒާ، މިހާރު ވަނީ މިނިވަންވުމުގެ މަގުމަތީގައެވެ. އޭނާ މިނިވަންވުމުން އާ ދިރިއުޅުމެއް ފެށުމަށްޓަކައި އާންމުން ހަދިޔާކުރި މި ފައިސާ ބޭނުންކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ފަންޑަށް ލިބުނު ފައިސާ ގިނަވުމުން، އޭނާއަށް ފުދޭވަރަށް ފައިސާ ލިބިއްޖެ ކަމަށާއި ދެން އިތުރަށް އެހީވާން ބޭނުންވާ މީހުން ގާޒާގެ ރައްޔިތުންނަށް އެހީވުމަށް ހަމްޒާ ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު