އިންޑިއާގެ ބައެއް ސްޓޭޓްތަކަށް މިއަދު ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާ (އައި.އެމް.ޑީ) އިން ލަފާކޮށްފިއެވެ.

މި ބަދަލު އަންނަނީ ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑު ބަލިކަށިވުމާ ގުޅިގެންނެވެ. މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި، މި ކޮޅިގަނޑު މިހާރު ދަނީ އުތުރު-އިރުމައްޗަށް ދަތުރުކުރަމުން ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މީގެ ބާރު އިތުރަށް ދަށްވާނެ ކަމަށް ބެލެވެއެވެ.

މި މޫސުމީ ބަދަލާ ގުޅިގެން މަދްޔަ ޕްރަދޭޝް، ވިދަރުބާ އަދި ޗައްތީސްގަޅު ފަދަ ސަރަހައްދުތަކަށް ގުގުރުމާއެކު ކުޑަކޮށް ނުވަތަ މެދު މިންވަރަކަށް ވާރޭވެހި، ގަޑިއަކު 30 އާއި 40 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން އަންޒަމާން އަދި ނިކޯބާ އައިލެންޑްސް، އޮޑިޝާ، އަދި ހުޅަނގު ބެންގޯލްގެ ބައެއް ހިސާބުތަކަށް ވެސް ވާރޭވެހުމުގެ ފުރުސަތު އޮތް އިރު، ކެރެލާ، ކަރްނާޓަކާ އަދި އަންދްރަ ޕްރަދޭޝްގެ ބައެއް ސަރަހައްދުތަކަށް ވެސް ގުގުރާނެ ކަމަށް ބެލެވެއެވެ.

އުތުރު އިންޑިއާގެ ހިމާޗަލް ޕްރަދޭޝް އާއި އުއްތަރަކަންޑަށް ކުޑަކޮށް ސްނޯ ފޭބުން ނުވަތަ ވާރޭވެހުން އެކަށީގެންވެއެވެ.

މޫސުމީ ރިޕޯޓްތައް ބުނާގޮތުން، ޕަންޖާބުގެ ބައެއް ސަރަހައްދުތަކަށް މިއަދު ހެނދުނު ބޯކޮށް ދުންފިނި ފައިބާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި އުތުރު-ހުޅަނގު އިންޑިއާގެ ހޫނުމިން 2 އިން 3 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ އިރު، މިއީ އާންމު ހޫނުމިނަށްވުރެ 3 އިން 5 ޑިގްރީ މަތީ މިންވަރެކެވެ.

ނަމަވެސް ގުޖުރާތާއި މަހާރާޝްތުރާގެ ބައެއް ހިސާބުތަކުގައި ކުރިއަށް އޮތް 24 ގަޑިއިރު ހޫނުމިން ކުޑަކޮށް ދަށްވެގެންދާނެ ކަމަށް މޫސުމާ ބެހޭ ރިޕޯޓްތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު