މެންޗެސްޓަރ ޔުނައިޓެޑްގެ ތަޖުރިބާކާރު ޑިފެންޑަރު ހެރީ މެގުއަރ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، މިއީ އެ ޓީމުގެ ސަޕޯޓަރުން އުފާކުރަންޖެހޭ ކަމެއްގެ ގޮތުގައި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަން ފަށައިފިއެވެ.

އުމުރުން 32 އަހަރުގެ މެގުއަރ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނުވަ މެޗަށް ކުޅުމާ ދުރުގައި ހުރުމަށްފަހު، އެނބުރި އައުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ. ޚާއްޞަކޮށް ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި އޭނާ ހިމެނުމަކީ ކޯޗު މައިކަލް ކެރިކް ނެގި "ހިސާބުޖަހާފައިވާ ރިސްކެއް" ކަމަށް އޭނާ ވަނީ ފަހުން އެއްބަސްވެފައެވެ. އެ މެޗަށް ނުކުތްއިރު މެގުއަރ ޓްރެއިނިންގްގައި ހޭދަކޮށްފައިވަނީ އެންމެ ދެތިން ދުވަހެވެ. ނަމަވެސް ޓީމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އޭނާ ވަނީ ކުޅުމަށް ތައްޔާރަށް ހުރިކަން ދައްކައިދީފައެވެ.

މެގުއަރގެ ކޮންޓްރެކްޓާ ގުޅޭގޮތުން ލިބެމުންދާ މައުލޫމާތުތަކަށް ބަލާއިރު، އޭނާ އަންނަ ސީޒަނުގައިވެސް ޔުނައިޓެޑްގައި މަޑުކުރާނެ ކަމުގެ އުއްމީދު ބޮޑެވެ. ކްލަބުގެ ކޯ-އޯނަރު ސަރ ޖިމް ރެޓްކްލިފް ޚަރަދުތައް ކުޑަކުރަން ބޭނުންވާއިރު، މެގުއަރގެ މުސާރައާއި އެއްބަސްވުމުގެ މުއްދަތާމެދު ދެފަރާތުން އެއްބަސްވުމަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ. ކަސެމީރޯ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ޓީމުން ވަކިވާން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، މެގުއަރ ފަދަ ލީޑަރެއް ޓީމުގައި ހުރުމަކީ މުހިންމު ކަމެކެވެ.

މެގުއަރ އަކީ ހަމައެކަނި ތަޖުރިބާކާރު ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ ދަނޑުމަތީގައި މުާމަލާތް ކުރުމުގައި ކުޅަދާނަ، އަދި އެހެން ކުޅުންތެރިންގެ ކިބައިން އެންމެ މަތީ ފެންވަރުގެ ކުޅުމަށް ބާރުއަޅާ ލީޑަރެކެވެ. ލިސަންޑްރޯ މާޓިނޭޒްއާއެކު އޭނާ އުފައްދާފައިވާ ޑިފެންސިވް ޕާޓްނަރޝިޕްގައި ޔުނައިޓެޑުން ދަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ތޯމަސް ޓުޗެލްވެސް ވަނީ މެގުއަރގެ މިހާރުގެ ފޯމަށް ތައުރީފުކޮށް، އޭނާއަށް އަލުން ގައުމީ ޓީމުން ފުރުސަތު ލިބިދާނެކަމުގެ އިޝާރާތެއް ދީފައެވެ. ނަމަވެސް މެގުއަރގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޔުނައިޓެޑާއެކު ކާމިޔާބީ ހޯދުމެވެ. އޭނާ ކުރިން ބުނެފައިވާ ފަދައިން، މެންޗެސްޓަރ ޔުނައިޓެޑަކީ ކުޅެން އެންމެ ފުރިހަމަ ކްލަބެވެ. މެގުއަރގެ އާއިލާވެސް މެންޗެސްޓަރ ސަރަހައްދުގައި ދިރިއުޅެން ބޭނުންވުމާއި، އޭނާގެ ފަރާތުން ފެންނަ ވަރުގަދަ އަޒުމުގެ ސަބަބުން، އޭނާ ޓީމުގައި މަޑުކުރުމަކީ ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރާ ދަތުރުގައި ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު