ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑަކަށް ދައްކަންޖެހޭ 13،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދެއްކުމަށް އޮންދިގޯ ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޖުނައިދުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ އޮންދިގޯއަށް ދޫކޮށްފައިވާ ވިސާ ކޯޕަރޭޓް ކާޑަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމުން، އެ ފައިސާ ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށެވެ.

މި މައްސަލައިގެ އަޑުއެހުންތަކަށް އޮންދިގޯ ކުންފުނީގެ ފަރާތުން ނުވަތަ ޗެއާމަން ޖުނައިދުގެ ފަރާތުން ވެސް ހާޒިރުވެފައި ނުވާތީ، ކޯޓުން މި ހުކުމް އިއްވާފައިވަނީ އެ ފަރާތްތަކުގެ ޣައިރު ހާޒިރުގައެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުން ކުރި މިފަދަ ދެވަނަ ހުކުމެވެ. މިދިޔަ ނޮވެމްބަރު މަހު ވެސް ކޯޓުން ވަނީ ޖީއެސްޓީ އާއި ޕްލާސްޓިކް ކޮތަޅުގެ ފީ އަދި އެއާ ގުޅޭ ޖޫރިމަނާގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 8.5 މިލިއަން ރުފިޔާ ދެއްކުމަށް އޮންދިގޯގެ މައްޗަށް އަމުރުކޮށްފައެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލަށް ބަލާއިރު، މެއި 2020 އިން ފެބްރުއަރީ 2024 އާ ދެމެދު އެ ކުންފުނިން 7.3 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައްކާފައެއް ނުވެއެވެ. މީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 1.8 މިލިއަން ރުފިޔާ އާއި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި 474 ރުފިޔާ ދައްކަންޖެހޭ ކަމަށް ކޯޓު ހުކުމުގައިވެއެވެ. މީރާއިން ހުށަހެޅި މި މައްސަލަ ވެސް ކޯޓުން ނިންމާފައިވަނީ ކުންފުނީގެ ފަރާތުން އެއްވެސް މީހަކު ހާޒިރުނުވާތީ ޣައިރު ހާޒިރުގައެވެ.



ކިޔުންތެރިންގެ ހިޔާލު