ޖަލުގައި އޮވެގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މުއާމަލާތްތައް ނުވަތަ ސްކޭމް ހިންގަމުންދިޔަ ގައިދީއަކަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދުއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ، ޖަލުގައި ހުރި މީހަކު މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރި މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ފުރިހަމަ އެއްބާރުލުން ދީފައިވާ ކަމަށެވެ. ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސްކޭމްގެ ފައިސާ އެކި އެކައުންޓްތަކަށް ބަދަލުކޮށް "ރޯލް" ކުރުމަށްޓަކައި، އޭނާގެ ރައްޓެހިންގެ ބޭންކް އެކައުންޓްތައް ހޯދައިދީ އެ އެކައުންޓްތައް ބޭނުންކޮށްފައިވެއެވެ.

މީގެ އިތުރުން، މި ޖަރީމާ ހިންގުމުގައި ބޭނުންކުރި ފޯނެއް އޭނާގެ އަތުން ފެނިފައިވާ ކަމަށާއި، އެ ފޯނުގެ އައިއެމްއީއައި ނަންބަރަކީ ޖަލުގައި އޮތް މީހާއާ މުއާމަލާތް ކުރުމަށް ބޭނުންކުރި ފޯނުގެ ނަންބަރުކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ. އަދި ސްކޭމްގެ ތެރެއިން ހޯދި ފައިސާއާ ހަވާލުވުމަށާއި ފޯނާ ހަވާލުވުމަށް އޭނާ ހަރަކާތްތެރިވާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެންނަން ހުރި ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައަކީ ރާއްޖޭގައި ފުޅާވަމުންދާ ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެންމަތިވި މައްސަލައެކެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު