ޞާދިރު ޢަލީދީދީ   23 ފެބްރުއަރީ 2026 - 8:17
ތައިލެންޑުގެ އެންމެ މަޤްބޫލު ސްޓްރީޓް ފުޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ކާއޯ މަން ގާއީ" (ޗިކަން ރައިސް) ދިވެހިންނާއި ވަރަށް ގުޅޭނެ ކެއުމެކެވެ. ހަވާދުގެ ބާވަތެއް ނުހިމެނޭ މި ކެއުމަކީ ރަމަޟާން މަހުގެ ހާރުދަމަށް އެންމެ އެކަށޭނެ ކެއުމަކަށް ވެދާނެ މީރު ކެއުމަކަށްވާނެއެވެ. އެގޮތުން ތިރިގައި މިހިމަނާލާ ރެސިޕީއަކީ ތައިލެންޑުގެ މަގުމަތީ ބާޒާރުތަކުން ލިބޭ އަސްލު ރަހަ ގޭގައި އަމިއްލައަށް ތައްޔާރުކުރާނެ ގޮތުގެ ފުރިހަމަ ރެސިޕީ އެކެވެ.

ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 30 މިނެޓް

ކައްކަން ހޭދަވާނެ ވަގުތު: 3 ގަޑިއިރު

ޖުމްލަ ވަގުތު: 3 ގަޑިއިރު 30 މިނެޓް

ލިބޭ މިންވަރު: 4 މީހުންނަށް

ބޭނުންވާ ތަކެތި:

1. ކުކުޅު ތައްޔާރުކުރަން:

• 1 މުޅި ކުކުޅު

• ½ ސައިސަމުސާ ލޮނު

• ކުކުޅު ފެންގަނޑު ތެރޭގައި އޮޮންނާނެ ވަރަށް ފެން

2. ބަތް ކައްކަން:

• ½ ކިލޯ ހަނޑޫ (ތައިލެންޑުގެ "ޖޭސްމިން ރައިސް" ނަމަ މީރުވާނެ)

• ½ ލިޓަރު ކުކުޅު ކެއްކި ފެން (ސްޓޮކް) - އާންމުކޮށް ބަތް ކައްކަން ބޭނުންކުރާ މިންގަނޑަށް ފެން ނެންގެވުން އެދެވިގެންވެއެވެ.

• ⅛ ސައިސަމުސާ ލޮނު

• 50 ގްރާމް ލޮނުމެދު (ގާނާފައި ނުވަތަ ކޮށާފައި)

• ކުކުޅު ތެޔޮ ނުވަތަ ކައްކާ ތެޔޮ

3. ސޫޕް ތައްޔާރުކުރަން:

• ބާކީ ހުރި ހުރިހާ ކުކުޅު ސްޓޮކް

• ½ ކިލޯ ފަލަ ބޮޑު ކަރާ (ވިންޓަރ މެލަން) ނުވަތަ ރެޑިޝް (ބޯކޮށް ކޮށާފައި)

• ކޮރިއަންޑާ ފަތް (ކޮށާފައި)

• ލޮނާއި އަސޭމިރުސް (ރަހަލާވަރަށް)



ސޫޕް ތައްޔާރުކުރުމަށް ބޭނުންވާ ތަރުކާރީގެ ބާވަތްތައް


4. ސޯސް ތައްޔާރުކުރަން:

• 50 ގްރާމް އިނގުރު (ގާނާފައި)

• 50 ގްރާމް ލޮނުމެދު (ތޮށިމަޅާފައި)

• 5 އާއި 10 އާ ދެމެދުގެ އަދަދަކަށް ތައި މިރުސް (ކުޅިކުރަން ބޭނުންވާ މިންވަރަށް)

• 1 ކޮރިއަންޑާ މޫ

• 3 ސައިސަމުސާ ސޯޔާ ބީން ސޯސް (ފާމެންޓަޑް)

• 2 ސައިސަމުސާ ހުދުވިނެގަރ

• 1 ސައިސަމުސާ ހަކުރު

• ½ ސައިސަމުސާ ޑާކް ސޯޔާ ސޯސް

• ¼ - ½ ޖޯޑު ކުކުޅު ސްޓޮކް (ސޯސް މާ ބޯ ނަމަ އިތުރުކޮށްލަން)



ސޯސް ތައްޔާރުކުރުމަށް ބޭނުންވާ ސޯސް އަދި ވެނީގަރ




ސޯސް ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު


ގާނިޝް ކުރުމަށް:

• ކިއުކަމްބާ (ކޮށާފައި)

• ކޮރިއަންޑާ ފަތް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ މަރުހަލާ: ކުކުޅު ކެއްކުން



ކުކުޅު ކައްކަން އުދާފައި


1. ކުކުޅުގެ އެތެރެ ހުރިހާ އެއްޗެއް ސާފުކުރުމަށްފަހު، ކުކުޅުގެ ފައިތިލަ އެތެރެއަށް ލައްވައި، ފިޔަގަނޑުތައް މަތީގައި ހުންނާނެހެން އޮޅާލާށެވެ. މިއީ ކައްކާއިރު ކުކުޅުގެ ބައްޓަން ހިފެހެއްޓުމަށެވެ.

2. ބޮޑު ތަވައަކަށް ފެން އަޅައި ރަނގަޅަށް ބޮކިޖަހާވަރަށް ކައްކާށެވެ. ފެން ކެކެން ފެށުމުން ގިނި މަޑުކޮށްލާށެވެ.

3. ފެނުގެ ތެރެއަށް ލޮނު އެޅުމަށްފަހު، ކުކުޅު އޭގެ ތެރެއަށް ލާށެވެ.

4. ގާތްގަނޑަކަށް 35 އާއި 45 މިނެޓާ ދެމެދު ކުކުޅު މަޑުވަންދެން ކައްކާށެވެ.

5. ކުކުޅު ރަނގަޅަށް ކެކުމުން ފެންގަނޑުން ނަގައި، ހިލެންދެން ތަބަކެއްގައި ބާއްވާށެވެ.

ދެވަނަ މަރުހަލާ: ބަތް ކެއްކުން



ކުކުޅު ކައްކާފައިހުރި ކުކުޅު ގަރުދިޔަ ބޭނުންކޮށްގެން ބަތް ކެއްކުމަށް އުދާފައި


1. ލޮނުމެދުތައް ކުދިކޮށް ކޮށާލާށެވެ. ތަވައެއްގައި ކުކުޅު ތެޔޮ ނުވަތަ އާދައިގެ ތެޔޮ ހޫނުކުރުމަށްފަހު، ލޮނުމެދުތައް ރަން މުށިކުލަ އަރަންދެން ތެލުލާށެވެ. (ގާތްގަނޑަކަށް 5-8 މިނެޓް)

2. ލޮނުމެދުކޮޅު ރަތްވުމުން ތެލުން ވަކިކޮށްލާށެވެ.

3. ހަނޑޫކޮޅު ދޮވުމަށްފަހު ރައިސް ކުކަރަށް އަޅާށެވެ. އޭގެ ތެރެއަށް ތެލުލި ލޮނުމެދު، ކުކުޅު ކެއްކި ފެން (ސްޓޮކް) އަދި ލޮނުކޮޅެއް އަޅާށެވެ.

4. ރަނގަޅަށް އެއްކޮށްލުމަށްފަހު ބަތް ކައްކަން ޖައްސާށެވެ. ބަތް ކެކުމުން މަޑުމަޑުން އޫއަކުން ބަތްކޮޅު ފަތުރާލާށެވެ.

ތިންވަނަ މަރުހަލާ: ސޫޕް ތައްޔާރުކުރުން



ސޫޕް ކެއްކުމަށް އުދާފައި


1. ވިންޓަރ މެލަން ނުވަތަ ރެޑިޝް ގާތްގަނޑަކަށް 5 ސެންޓިމީޓަރުގެ ބޮޑުމިނަށް ކޮށާލާށެވެ.

2. ކުކުޅު ކެއްކި ފެންގަނޑުގެ މަތީގައި ހުރި ތެޔޮތައް ނަގައި އުކާލުމަށްފަހު، ފެންގަނޑު ކައްކަން އުދާށެވެ.

3. ފެން ކެކެން ފެށުމުން ކޮށާފައި ހުރި ތަރުކާރީތައް އޭގެ ތެރެއަށް އަޅާށެވެ. ރަހަލާވަރަށް ލޮނާއި އަސޭމިރުސް އެއްކުރާށެވެ.

4. ތަރުކާރީ މަޑުވަންދެން ގާތްގަނޑަކަށް 15 މިނެޓް ކައްކާށެވެ.

5. އެންމެ ފަހުން ގިނި ނިވާލުމަށްފަހު، ކޮށާފައި ހުރި ކޮރިއަންޑާ ފަތްކޮޅު އަޅައި އެއްކޮށްލާށެވެ.



ސޫޕް ތައްޔާރު ކުރެވިފައި


ހަތަރުވަނަ މަރުހަލާ: ސޯސް ތައްޔާރުކުރުން



ސޯސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި މިކްސްޗަރުން މުގުރާލުމަށްފަހު ކަންކަން އުދާފައި


1. ސޯސް ތައްޔާރުކުރަން ބޭނުންވާ ހުރިހާ އެއްޗެއް މިކްސަރަށް އަޅައި މުގުރާލާށެވެ. މާ ބޮޑަށް އޮމާން ނުކޮށް ކުޑަކޮށް އެތިކޮޅުތައް ހުންނަވަރަށް މުގުރާލުމުން ރަހަ މީރުވާނެއެވެ.

2. މުގުރި ސޯސްކޮޅު ކުޑަ ތަވައަކަށް އަޅައި، މަދު ސިކުންތުކޮޅަކަށް ކައްކާލާށެވެ. މިއީ ސޯސް ގިނަދުވަހު ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކެއުމަށް ތައްޔާރުކުރުން:



މީރުވާނީ ސޯސް ހިމަނައިގެން އެހެންނަމަވެސް ސޯސް ނުލައިވެސް ބަތްގަނޑުގައި ކޫކުޅުގެ ރަހަ ހުންނާނެ


ކުޑަ ބޯތަށްޓަކަށް ބަތް އެޅުމަށްފަހު ތަށީގެ މެދުގައި ބަތްކޮޅު ބޯޅައެއްގެ ބައްޓަމަށް ބާއްވާށެވެ. ކުކުޅު ކުދިކޮށް ކޮށާލުމަށްފަހު ބަތްގަނޑުގެ މަތީގައި އަތުރާލާށެވެ. އަރިމަތީގައި ކިއުކަމްބާ ފޮތިތަކާއި ކޮރިއަންޑާ ފަތް ބަހައްޓާށެވެ. ވަކި ބޯތަށިތަކެއްގައި ސޫޕާއި ސޯސް ބަހައްޓައިގެން ހޫނުކޮށް އިންސާފުކުރައްވާށެވެ.



ކިޔުންތެރިންގެ ހިޔާލު