އަޝްވާގް ފައުޒީ   20 ފެބްރުއަރީ 2026 - 20:54
ރަމަޟާން މަހަކީ ހަމައެކަނި ބަނޑުހައިހޫނުކަން ތަހައްމަލުކުރާ މަހެއް ނޫން ކަމަށާއި، އެއީ ނަފްސު ތަހުޒީބުކޮށް އަދަބުވެރިކުރުވުމުގެ މޫސުމެއް ކަމުގައި ދީނީ އިލްމުވެރިން ހަނދާންކޮށްދީފިއެވެ.

ރޯދަ ހިފުމުގެ ހަގީގީ މަގްސަދަކީ ކެއިންބުއިމުން ދުރުހެލިވުން އެކަނި ނޫން ކަމާއި، އޭގެ ބަދަލުގައި އެއީ "ތަގުވާވެރިކަން" ހާސިލުކުރުންކަން ކީރިތި ގުރުއާނުގެ އާޔަތްތަކުންނާއި ކައު އިތުރު ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކުން ސާފުކޮށް އެނގެން އޮވެއެވެ.

މިކަމާ ގުޅޭގޮތުން މާތް الله ވަނީ ކީރިތި ގުރުއާނުގެ ބަގަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި ރޯދަ ފަރުޟު ކުރެއްވި މަގްސަދު ބަޔާންކޮށްދެއްވާފައެވެ. އެ އާޔަތުގެ މާނައިގައިވަނީ:

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަގުވާވެރިވުމަށްޓަކައެވެ." އެހެންކަމުން، ރޯދައިގެ އަސްލު އަމާޒަކީ އިންސާނާގެ ކިބައިގައި މާތް الله އަށް ބިރުވެތިވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމުގެ ސިފަ އަށަގެންނެވުމެވެ.

ރޯދައަށް ހުންނަ މީހާ ހަމައެކަނި ކެއިންބުއިމާއި ޝަހުވަތްތަކުން ދުރުހެލިވުމަކުން ނުފުދެއެވެ. އޭގެ ބަދަލުގައި، ފާފަތަކުން ދުރުހެލިވެ، އަމިއްލަ ދުލާއި، ލޮލާއި، ހިތް ކޮންޓްރޯލް ކުރަންޖެހެއެވެ.

ކައު އިތުރު ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަހެއްގެ މާނައިގައިވެއެވެ: "ދޮގުބަސް ބުނުމާއި، އެއާ އެއްގޮތަށް އަމަލުކުރުން ދޫނުކުރާ މީހާ، އޭނާގެ ކެއުމާއި ބުއިން ދޫކޮށްލުމަކަށް الله ބޭނުންވެވޮޑިގެން ނުވެއެވެ." މިއީ ރޯދައިގެ ރޫހާނީ ބައި ފުރިހަމަކުރުމަށްޓަކައި އަޅުގަނޑުމެން ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

މި މާތް މޫސުމުގައި އަޅުގަނޑުމެންގެ ރޯދަ ހިފުމަކީ އިޚްލާޞްތެރިކަމާ އެކު، الله ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، ފާފަފުއްސެވުމަށް އެދިގެން ކުރާ ކަމެއް ކަމުގައި ހަދަންޖެހެއެވެ. އަދި މި ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ނަފްސުތައް އިސްލާހުކޮށް، ހަގީގީ ތަގުވާވެރިންގެ ގޮތުގައި ލިޔެވިގެންދާނެ މަހެއް ކަމުގައި ލެއްވުމަކީ ކޮންމެ މުސްލިމެއްގެވެސް ދުއާއެވެ.



ކިޔުންތެރިންގެ ހިޔާލު