ސިނަމާލެ ފްލެޓްތަކާއި މާލެ ހިޔާ ފްލެޓްތަކުގެ ކުލި މާފުކޮށް، އެ ތަންތަނުގައި ދިރިއުޅޭ އާއިލާތަކަށް އެއް ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމި ނިންމުމަކީ އިންސާފެއް ނެތް، ވަކި ބަޔަކަށް އަމާޒުކޮށްގެން ނިންމާފައިވާ ސިޔާސީ ނިންމުމެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ރައްޔިތުން ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކުރި ކައުންސިލްތަކުގެ ދައުރުން އެއް އަހަރު ބާކީ އޮއްވައި، އައު އެއްވެސް މަޝްރޫއެއް ނުފެށޭ ގޮތަށާއި މުވައްޒަފުން ނުނެގޭ ގޮތަށް ސަރުކާރުން ހެދީ ކޮރަޕްޝަން ހުއްޓުވަން ކަމަށް ބުނެ ކަމަށެވެ.

ނަމަވެސް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުން ކުރިމަތީގައި ބައިތިއްބައިގެން، ގަވާއިދާ ޚިލާފަށް ކުލި ނުދައްކާ ތިބި މީހުންގެ ކުލި މާފުކޮށްދީ، 16 މިލިއަން ރުފިޔާ ބަހާލީވެސް ހަމަ އެބޭފުޅުން ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

މިކަމުގައި ހުރި ބޮޑެތި ތަފާތުކުރުންތަކަށް އިޝާރާތް ކުރައްވައި އައްބާސް ވަނީ ރާއްޖެތެރޭ ރަށްތަކުގައި ސޯޝަލް ހައުސިންގްގައި ކުއްޔަށް އުޅޭ ފަރާތްތަކަށް އެފަދަ ލުޔެއް ނުދެނީ ކީއްވެގެންތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

އަދި ވިނަރެސް ފްލެޓްތަކާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެފަދަ އެހީތެރިކަމެއް ނުދީ، ހަމައެކަނި ވަކި ބަޔަކަށް އިނާޔަތް ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"މާލެއާ ރާއްޖެތެރޭގައި އެތައް ހާސް ބަޔަކު ބޮޑު ކުލީގައި ދިރިއުޅޭއިރު އެ ރައްޔިތުންގެ ހައްގު ކޮބައިތޯ؟" އައްބާސް ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން، މެމްބަރު އައްބާސް ވަނީ މި ނިންމުމަކީ މުނާފިގުކަމުގެ އިންތިހާ ކަމަށް ސިފަކުރައްވައި، މިފަދަ ކަންކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ހާމަކުރިގޮތުގައި ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތަކުގެ ކުލި މާފުކޮށް، ކޮންމެ ފްލެޓަކަށް އެއް ލައްކަ ރުފިޔާ ދޭން ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ ތަންތަނުގެ މަރާމާތަށް އެހީވުމުގެ ގޮތުންނެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ފައިސާ ބަހާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބުނަމުންދަނީ މިކަމަކީ ސީދާ ކުރިއަށް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު