ދުނިޔޭގެ އިންފްރާސްޓްރަކްޗާ ވިޔަފާރީގައި މައިގަނޑު ދައުރެއް އަދާކުރާ އަދި ހަ ބައްރެއްގައި ބަނދަރުތައް ހިންގާ ދުބާއީގެ ލޮޖިސްޓިކްސް ކުންފުނި، ޑީޕީ ވޯލްޑްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ސުލްތާން އަހުމަދު ބިން ސުލައިމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސުލައިމް އިސްތިއުފާ ދެއްވީ، ޖިންސީ ކުށްތަކެއް ސާބިތުވި ޖެފްރީ އެޕްސްޓައިން އާއެކު އަހަރުތަކެއް ވަންދެން ގާތް ގުޅުމެއް އޭނާ ބޭއްވިކަން ހާމަވާ "އެޕްސްޓައިން ފައިލްސް" އާންމުވުމާ ގުޅިގެންނެވެ. މި ލިޔެކިޔުންތަކުން ހާމަވި ގޮތުގައި، 2007 ވަނަ އަހަރާ ހަމައަށް ސުލައިމް އާއި އެޕްސްޓައިންއާ ދެމެދު ގިނަ އަދަދެއްގެ މުއާމަލާތްތައް ހިނގާފައިވެއެވެ.

މީގެ ތެރެއިން އެންމެ ބޮޑު ސިހުމެއް ލިބުނީ 2009 ވަނަ އަހަރު ސުލައިމް ފޮނުއްވި އީމެއިލްއަކާ ގުޅިގެންނެވެ. އެގޮތުން ސުލައިމް ވަނީ އަނިޔާކުރާ މަންޒަރު ފެންނަ "ޓޯޗާ ވީޑިއޯ" އެއް އެޕްސްޓައިންއަށް ފޮނުވާފައެވެ. އެ ވީޑިއޯއަށް ޖަވާބުދެމުން އެޕްސްޓައިން ބުނެފައިވަނީ "އައި ލަވް ދަ ޓޯޗާ ވީޑިއޯ" (އެ އަނިޔާކުރާ ވީޑިއޯ ދެކެ އަހަރެން ލޯބިވޭ) މިފަދައިންނެވެ. އެޕްސްޓައިން ވަނީ ސުލައިމްއަކީ އޭނާގެ އެންމެ އިތުބާރުކުރެވޭ އެކުވެރިޔާގެ ގޮތުގައި ސިފަކޮށްފައެވެ.

މި މައްސަލައިގައި ޑީޕީ ވޯލްޑުން ވަނީ ވަގުތުން ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ޗެއާޕާސަންގެ މަގާމަށް އީސާ ކާޒިމް އަދި ޗީފް އެކްޒެކެޓިވްގެ މަގާމަށް ޔުވްރާޖް ނާރާޔަން ވަނީ ހަމަޖައްސާފައެވެ.

މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކެނެޑާގެ ޕެންޝަން ފަންޑު "ލާ ކޭސް" އިން ވަނީ ޑީޕީ ވޯލްޑާއެކު އާ އިންވެސްޓްމަންޓްތައް ހުއްޓާލާފައެވެ. އަދި އިނގިރޭސިވިލާތުގެ ބްރިޓިޝް އިންޓަނޭޝަނަލް އިންވެސްޓްމަންޓުން ވެސް ވަނީ ޑީޕީ ވޯލްޑްގެ ލީޑަރޝިޕަށް އައި ބަދަލާ ގުޅިގެން އެއްބާރުލުންދޭން ނިންމި ނަމަވެސް ކުރިއަށް ހުރި ޑީލްތައް މަޑުޖައްސާލާފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކަމަށްވާ ތޯމަސް މެސީ އާއި ރޯ ޚާނާ ވަނީ މި މައްސަލައިގައި ސުލައިމްގެ ނަން ފާހަގަކޮށް، އާންމުކުރި ލިޔެކިޔުންތަކުގައި ސިއްރުކޮށްފައިވާ ބައިތަކާ މެދު ސުވާލު އުފައްދާފައެވެ.

ސުލައިމްއަކީ ޑީޕީ ވޯލްޑް ދުނިޔޭގެ ބާރުގަދަ ކުންފުންޏަކަށް ބަދަލު ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ނަމަވެސް، މި ހާދިސާއިން ދޭހަކޮށްދެނީ ބައިނަލްއަގުވާމީ ވިޔަފާރީގައި އިތުބާރަކީ އެންމެ މުހިންމު އަގު ކަމެވެ. އަދި އެ އިތުބާރު ގެއްލުމުން އަލުން ހޯދުމަކީ ދަތި ކަމެއްކަން މި މައްސަލައިން ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު