2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް، ސަރުކާރު ހިންގާ ޕީއެންސީން އިންތިޚާބުގެ މިނިވަންކަން ގެއްލުވާލުމަށް ނުބައި ރޭވުންތަކެއް ރާވަމުންދާކަމަށް ބުނެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

އިންތިޚާބުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް މަޖުބޫރުކޮށް، އެތަކެއް މިލިއަން ރުފިޔާއެއްގެ ރިޝްވަތު ހުށަހަޅަމުންދާ ކަމުގެ ޚަބަރުތަކަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ސީދާ ރައީސް މުޢިއްޒު އިބްރާހީމްގެ އިރުޝާދުގެ ދަށުން ހިންގަމުންދާ "ބަޣާވާތުގެ އަމަލެއް" ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

"ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށް، އެ ފައިސާއިން ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ މި މަސައްކަތަކީ ފިރުޢައުނު ފަދަ ޚުދުމުޚުތާރު ވެރިންނާއި ޔަމަނުގެ ފަސާދަވެފައިވާ ވެރިކަންތަކުން ފެނިގެންދާ ފަދަ ހަޑިމުޑުދާރު އަމަލުތަކެއް." އައްބާސް ވިދާޅުވިއެވެ.

އައްބާސް ވަނީ އަމިއްލަ ނަފުސާއި ޤައުމުގެ މުސްތަޤުބަލު ފައިސާއަށް ނުވިއްކުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ. ހަމައެއާއެކު ވަގުތީ ވަޒީފާއަކަށް ނުވަތަ ފައިސާކޮޅަކަށް ތިމާގެ އީމާނާއި އަބުރާއި ގައުމުގެ މުސްތަޤުބަލު ނުވިއްކުމަށާއި، ރިޝްވަތުގެ މި ވަބާއިން ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.



މީގެ އިތުރުން، އިޚުލާޞްތެރިކަމާއެކު ގައުމަށް ޚިދުމަތްކުރަން ނުކުމެ ތިބި ކެންޑިޑޭޓުންނަށް ހުރަސްއަޅައި، ޑިމޮކްރަސީގެ ރޫހު ކަތިލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ހުރިހާ ރައްޔިތުން ތެދުވުމަށްވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު