އުޅަނދުތައް ދުއްވާއިރު މިއުޒިކް އިވޭ "މިއުޒިކަލް ރޯޑް" އެއް އިންޑިއާގެ އިގްތިސާދީ މަރުކަޒު ކަމަށްވާ މުމްބާއީގައި ހުޅުވައިފިއެވެ.

މިއީ އިންޑިއާގެ މަގުތަކުގެ ތާރީހުގައި މިފަދަ މަގެއް ހުޅުވި ފުރަތަމަ ފަހަރެވެ. މި މަގުން ދަތުރުކުރާ އުޅަނދުތަކަށް އިވިގެންދާނީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރުވި "ޖޭ ހޯ" ލަވައިގެ ރާގެވެ.

މި އާދަޔާ ހިލާފު މަގު ތައާރަފްކޮށްފައިވަނީ މުމްބާއީގެ ސައުތު ބައުންޑް އީސްޓަން ފްރީވޭގެ ގާތްގަނޑަކަށް 600 މީޓަރުގެ ސަރަހައްދެއްގައެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ މަހާރާޝްޓްރަ ސްޓޭޓް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި މަގުން މިއުޒިކް އިވޭ ގޮތަށް ފަރުމާކޮށްފައިވަނީ މަގުގެ ތާރުގަނޑުގައި ވަކި އުސޫލުތަކަކުން ކަނޑައިނަގާފައިވާ ކުދި ރޮނގުތަކެއް ނުވަތަ "ގްރޫވްސް" ތަކެއް ބޭނުންކޮށްގެންނެވެ. އުޅަނދުތައް މި ރޮނގުތަކުގެ މަތިން ދަތުރުކުރާއިރު، ފުރޮޅާއި މަގާ ދެމެދު އުފެދޭ ތެޅުމުގެ ސަބަބުން "ޖޭ ހޯ" ގެ ރާގު އުފެދިގެން ދާކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިފަދަ މަގެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކަމަށް ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ރާގު ސާފުކޮށް އިވޭނީ އުޅަނދުތައް ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމުންނެވެ. އެހެންކަމުން، މިއީ ޑްރައިވަރުން ކަނޑައެޅިފައިވާ ދުވެލީގައި އުޅަނދު ދުއްވުމަށް ބާރުއެޅުމަށާއި، ބާރަށް ދުއްވުން ހުއްޓުވުމަށްޓަކައި އެޅި އީޖާދީ ފިޔަވަޅެއް ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

މީގެ އިތުރުން، މިއީ ދިގު ދަތުރުތައް ކުރާ ޑްރައިވަރުންގެ ސަމާލުކަން އިތުރުކޮށް، ނިދި އައުމުން ދުރުކޮށްދޭނެ ކަމެއް ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މި މަޝްރޫއާއެކު އިންޑިއާ ވެގެން ގޮސްފައިވަނީ "މިއުޒިކަލް ރޯޑް" ޓެކްނޮލޮޖީ ބޭނުންކުރާ މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. މީގެ ކުރިން ޖަޕާން، ދެކުނު ކޮރެއާ، ޑެންމާކް އަދި އެމެރިކާ ފަދަ ގައުމުތަކުގައި މިފަދަ މަގުތައް ވަނީ ތައާރަފްކޮށްފައެވެ. މި މަގަކީ މިހާރު މުމްބާއީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބެމުންދާ ތަނެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު