ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އަލް-ގައްސާމް ބްރިގޭޑްސްއިން އިންޒާރު ދީފައިވާ ގޮތުގައި އީރާނާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ހަމަލާއެކެވެ. މިކަން ހާމަކުރައްވާފައިވަނީ އީރާނުގެ އިސްލާމީ އިންގިލާބަށް 47 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ނެރުއްވި ބަޔާނެއްގައެވެ.

އަބޫ އުބައިދާ ވިދާޅުވީ، އިސްލާމީ ޖުމްހޫރިއްޔާއަށާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނަށް ދޭ ކޮންމެ ހަމަލާއަކީ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމީ ދައުލަތެއްގެ އިސްތިގުލާލަށް އަރައިގަތުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް ކުރާ މަސައްކަތަށް އީރާނުން ދޭ އެހީތެރިކަމަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، އީރާނަށް ދޭ ކޮންމެ ހަމަލާއެއް ނާކާމިޔާބުކޮށްލައި، ގައުމު ދިފާއުކޮށް، ހަމަލާދޭ ފަރާތްތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދިނުމުގެ ފުރިހަމަ ގާބިލުކަން އީރާނުގެ އަސްކަރިއްޔާއަށް ލިބިގެންވާކަމުގެ އިތުބާރު އޮތްކަމަށްވެސް އަބޫ އުބައިދާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އީރާނުން ދީފައިވާ ރައްދު ހަމަލާތަކުން ވަނީ "ޒަޔަނިސްޓު ދުޝްމަނުންނަށް" ވަރުގަދަ ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ.

އަބޫ އުބައިދާ އިތުރަށް ވިދާޅުވީ، 2023 އޮކްޓޫބަރު 7 ގައި ފެށި "އަލް-އަގްސާ ފްލަޑް" އޮޕަރޭޝަނުގެ ތެރެއިން ފަލަސްތީނުގެ މުޖާހިދުން ވަނީ ޒަޔަނިސްޓުންގެ ކިބުރުވެރިކަން މުގުރާލާފައެވެ.

އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ފެށި ނަމަވެސް، އެ ގައުމުން ކަނޑައެޅި މަގްސަދުތައް ހާސިލުކުރެވިފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު