ލޯބިވެރިންގެ ދުވަސް ނުވަތަ "ވެލަންޓައިންސް ޑޭ" ފާހަގަކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިން ބަޔާންކުރައްވައިފިއެވެ.

މި ދުވަހަކީ އިސްލާމީ އަސްލުތަކާ ބީރައްޓެހި، އަދި ނަސާރާ ދީނުގެ ކަންތައްތަކަކާ ގުޅިފައިވާ ދުވަހަކަށް ވުމުން، މުސްލިމުން މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ދީނީ ގޮތުން މަނާކަމެއް ކަމުގައި އިލްމުވެރިން ފާހަގަކުރައްވައެވެ. އިސްލާމްދީނަކީ އަބަދުވެސް ލޯތްބާއި، އޯގާތެރިކަމާއި، އާއިލީ ގުޅުންތަކަށް ބާރުއަޅާ ދީނަކަށް ވާއިރު، ވަކި ދުވަހެއް ކަނޑައަޅައިގެން ޣައިރު މުސްލިމުންގެ އާދަކާދަތައް ނަކަލުކުރުމަކީ އިސްލާމީ ތަރުބިއްޔަތާ ޚިލާފު ކަމެކެވެ.

މި ދުވަސް ފާހަގަކުރުމުގައި ހިމެނޭ އެންމެ ބޮޑު އެއް މައްސަލައަކީ، މިއީ ދީނީ އެއްވެސް އަސާސެއް ނެތް، ބިދުޢަވެރި އަމަލަކަށް ވުމެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުންނާއި، އިސްލާމީ ތާރީޚުން އެނގެން އޮތް ގޮތުގައި މުސްލިމުންނަށް އޮތީ ދެ އީދެވެ. އެއީ ފިޠުރު އީދާއި އަޟްޙާ އީދެވެ.

އެހެންކަމުން، އެ ނޫން ދުވަސްތައް ދީނީ ނުވަތަ ސަގާފީ ގޮތުން ޚާއްސަކޮށްގެން ފާހަގަކުރުމަކީ، އެހެން ދީންތަކުގެ މީހުންނާ އެއްގޮތްވުން ކަމުގައި ބެލެވެއެވެ.

މީގެ އިތުރުން، ލޯބިވެރިންގެ ދުވަހާ ގުޅިގެން ހިނގާ ގިނަ ކަންތައްތަކަކީ އިސްލާމީ އަޚްލާޤީ މިންގަނޑުތަކުން ބޭރުވެފައިވާ ކަންތައްތަކެއްކަން އިލްމުވެރިން ވިދާޅުވެއެވެ.

ޚާއްސަކޮށް ކައިވެނީގެ ބޭރުން ހިންގާ ގުޅުންތަކާއި، އިސްރާފުކުރުމާއި، އަދި ހަޔާތްކުޑަ އަމަލުތަކަށް މި ދުވަހުގެ ސަބަބުން މަގުފަހިވެގެންދެއެވެ. އެހެންކަމުން، މުސްލިމުންގެ މައްޗަށް އޮތީ މިފަދަ ބާތިލް ކަންކަމުން ދުރުހެލީވެ، އިސްލާމީ ސަގާފަތާއި އުސޫލުތަކުގައި ސާބިތުވެ ތިބުން ކަމަށް އިލްމުވެރިން ނަސޭހަތްތެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު