މާފުށި
މާފުށި
ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ އެއް ރަށް ކަމަށްވާ، ކ. މާފުށީގައި ޣައިރު މުސްލިމުންގެ ދީނީ މުނާސަބަތެއް ކަމަށްވާ "ހެލޯވީން" ފާހަގަކުރުމަށް ޕާޓީއެއް ބޭއްވި މައްސަލައިގައި، ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް ނާޅައި ހަނުތިބުމުން އާންމުންގެ ނުރުހުން އެ މުއައްސަސާތަކަށް އަމާޒު ވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މާފުށީގައި ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރިކުރާ "ކާނި ހޮޓެލްސް އެންޑް ޓުއާސް" އިން، އެ ކުންފުނީގެ "ކާނި ޕާމް ބީޗް" ގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވީ ބުރާސްފަތި ދުވަހުގެ ރޭ ހެލޯވީން ޕާޓީއެއް ބާއްވާނެކަން އިއުލާން ކުރުމާ ގުޅިގެންނެވެ. އެ ހަރަކާތް ބާއްވާނެކަން ކާނި ހޮޓެލްސްގެ މީސްމީޑިއާ އެކައުންޓުތަކުން އާންމުކޮށް އިޝްތިހާރު ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، އެ ޕާޓީގައި ޚާއްސަ ބުފޭއަކާއި ޑީޖޭގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި، ބައިވެރިން ޚާއްސަ ހެދުންތައް އަޅައިގެން އައުމަށް ވެސް ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ދުރާލާ އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަނަމަވެސް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި މައްސަލައިގައި މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ހަމައެކަނި ބުނެފައިވަނީ އެ މައްސަލަ ބަލަމުންދާކަން "ޗެކް ކޮށްލާނެ ކަމަށާއި، ގުޅާލާނެ" ކަމަށެވެ. މީގެއިތުރުން، މާފުށީ ކައުންސިލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކަން "ސަމާލުކަމަށް އައިސްފައިވާ" ކަމަށެވެ. ނަމަވެސް، އެއްވެސް މުއައްސަސާއަކުން އެކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅެއް އަޅާފައި ވާކަން އެނގިފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން، ފާޅުކަން ބޮޑު ގޮތެއްގައި އިއުލާން ކުރުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާފުށީގައި ވަނީ އެ ޕާޓީ ބާއްވާފައެވެ. އަދި އެ ޕާޓީގެ ވީޑިއޯތައް ވެސް ކާނި ހޮޓެލްސްގެ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ފަހުން ވަނީ އާންމުކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި މީގެ ކުރީ އަހަރުތަކުގައިވެސް އެ ފަރާތުން ވަނީ މާފުށީގައި މިފަދަ ހެލޯވީން ހަރަކާތްތައް ބާއްވާފައެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ހަރަކާތްތައް ހިންގުމަކީ މަނާ ކަމެކެވެ. ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާ ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ 9 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވަނީ، "ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރުތައް ފާޅުކުރުމާއި، ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ މަނާ ކަމެއް" ކަމަށެވެ.

ފަހަކަށް އައިސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ މީހުން ދިރިއުޅޭ ރަށްރަށުގައި، އިސްލާމީ އުސޫލުތަކާއި ގާނޫނުތަކާ ޚިލާފަށް ޣައިރު މުސްލިމުންގެ މިފަދަ ދީނީ ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުންދާއިރު، އެކަންކަން ހުއްޓުވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު ނާޅައި ފަސްޖެހޭތީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ދަނީ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެގޮތުން ދާދިފަހުން ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނީގެ ޙަފްލާއެއް ބޭއްވި މައްސަލައެއްވެސް މީޑިއާއަށް ވަނީ ތިލަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު