ބޭ އޮފް ބެންގޯލް (ބަންގާޅު ކަނޑު) ސަރަހައްދުގައި އުފެދޭ ތޫފާންތައް، މިހާރު ލަފާކުރެވޭ މުއްދަތަށް ވުރެ ދެތިން ދުވަސް ކުރިން ދެނެގަނެވޭނެ އާ ނިޒާމެއް ސައިންސްވެރިން ދިރާސާކޮށްފިއެވެ.

އިންޑިއާގެ އަންދްރަ ޔުނިވަރސިޓީއާއި އިންޑިއަން ނޭޝަނަލް ސެންޓަރ ފޯ އޯޝަން އިންފޮމޭޝަން ސަރވިސަސް ގެ ދިރާސާވެރިން ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާގޮތުގައި، ކަނޑުގެ އަޑީގެ ހޫނުމިނާއި އޮއިވަރަށް އަންނަ ބަދަލުތައް ބޭނުންކޮށްގެން ތޫފާން އުފެދުމުގެ ކުރިން އޭގެ އިންޒާރު މާކުރިން ދެވިދާނެއެވެ. މިއީ ތޫފާންތަކުގެ ސަބަބުން ލިބޭ މާލީ އަދި ފުރާނައިގެ ގެއްލުންތައް ކުޑަކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިހާރު އާންމުކޮށް ތޫފާންތައް ދެނެގަތުމަށް ބޭނުންކުރަނީ ވައިގެ ތެތްކަމާއި، ވައިގެ ބާރުމިނާއި، ފިނިހޫނުމިނަށް އަންނަ ބަދަލުތަކެވެ. ނަމަވެސް މި އާ ދިރާސާގައި ބޭނުންކޮށްފައިވަނީ ކަނޑުގެ ސަތަހައިގެ އުސްމިނާއި ކަނޑުގެ މަތީ ފަށަލައިގައި ހުންނަ ހޫނުމިން ހިމަނައިގެން ތައްޔާރުކޮށްފައިވާ އާ އިންޑެކްސްތަކެކެވެ.

ސައިންސްވެރިން ބުނާގޮތުގައި ޖައްވަށް ބަދަލުތައް އައުމުގެ ކުރިން، ކަނޑުގެ އަޑީގެ ހަކަތައަށް ބަދަލުތައް އަންނަން ފަށައެވެ. އެހެންކަމުން މި ބަދަލުތައް މޮނިޓަރކޮށްގެން ތޫފާން އުފެދުމުގެ 2 ނުވަތަ 3 ދުވަސް ކުރިން އިންޒާރު ދިނުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

މި ދިރާސާ ފުރިހަމަކުރުމަށްޓަކައި 2016 އާއި 2022 އާ ދެމެދު ބަންގާޅު ކަނޑުގައި އުފެދުނު ހަތަރު ތޫފާނެއް ކަމަށްވާ ކިއަންޓް، ބުލްބުލް، ބުރޭވީ އަދި މަންޑޫސް އަށް އައި ބަދަލުތައް ވަނީ ތަފްސީލީގޮތެއްގައި ބަލާފައެވެ.

މި ހޯދުންތަކަށް ބަލާއިރު، އާ މޮޑެލްތަކުން ތޫފާން އުފެދޭނެކަން މާ ކުރިން ދެނެގަނެވޭކަން ވަނީ ސާބިތުވެފައެވެ. މި އާ ހޯދުމުގެ ސަބަބުން، އައްސޭރިފަށުގެ ސަރަހައްދުތަކުން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމާއި، ކާރިސާތަކުން ރައްކާތެރިވުމަށް ތައްޔާރުވުމަށް އިތުރު ވަގުތު ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު