މި އަހަރުގެ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު، ދުނިޔެއަށް ނުހަނު މަދުން ނޫނީ ފެންނަ ހިތްގައިމު "ރިންގް އޮފް ފަޔަރ" ނުވަތަ އަނގޮޓިއެއްގެ ބައްޓަމަށް ފެންނަ އިރުކުަސްފެއް ހިފާނެއެވެ.

މިއީ އިރުގެ މެދުތެރެ ހަނދުން ނިވާވެ، އިރުގެ ބޭރު ފަރާތުން އަލިގަދަ ރިންގްއެއް ނުވަތަ ފަށަލައެއް ފެންނަ ވަރަށް ހާއްސަ ކުަސްފެކެވެ. މި ހާދިސާގައި ހަނދުން އިރުގެ ގާތްގަނޑަކަށް 96 އިންސައްތައަށް ނިވާކުރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

މި އިރުކުަސްފުގެ "ރިންގް އޮފް ފަޔަރ" އެންމެ ފުރިހަމައަށް ފެންނާނީ އެންޓާކްޓިކާ ސަރަހައްދަށެވެ. ނަމަވެސް، ދެކުނު އެމެރިކާގެ ބައެއް ސަރަހައްދުތަކާއި އެފްރިކާގެ ދެކުނުގެ ގައުމުތަކަށް މީގެ ބައެއް (ޕާޝަލް އިކްލިޕްސް) ފެންނާނެއެވެ. މި ކުަސްފަކީ 2026 އިން 2028 އަށް ކުރިއަށްދާނެ ތިން އަހަރުގެ ސިލްސިލާ އެނިއުލާ އިކްލިޕްސްތަކުގެ ފެށުމެވެ. މީގެ ފަހުން މިފަދަ ކުަސްފެއް ދެން ފެންނާނީ އެތައް އަހަރެއް ފަހުންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މި މަންޒަރު ފެންނަނީ ހަނދު އިރާއި ދުނިޔެއާ ދެމެދުން ދަތުރުކުރާއިރު، ހަނދު ދުނިޔެއާ ދުރުގައި ހުރުމުގެ ސަބަބުން އިރު މުޅިން ނިވާކޮށްލެވޭ ވަރަށްވުރެ ހަނދު ކުޑަކޮށް ފެންނާތީއެވެ. މި ކުަސްފުގެ އެންމެ ފުރިހަމަ ވަގުތު ގާތްގަނޑަކަށް 2 މިނެޓާއި 20 ސިކުންތަށް ދެމިގެންދާނެއެވެ. މި ވަގުތު ހަނދު ހުންނާނީ ދުނިޔެއާ 252,100 މޭލު ދުރުގައެވެ. މީގެ ސަބަބުން ހަނދު އިރަށްވުރެ 3 އިންސައްތައަށް ކުޑަކޮށް ފެންނަ ފެނުމަކީ މި ފުރިހަމަ "ރިންގް" އުފެދޭ ސަބަބެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް