ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި މިސްކިތްތަކަށް ގެއްލުން ދިން މީހުންނަށް އެއްވެސް އަދަބެއް ދީފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހަދަން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ބަހުސް ކުރަށްވަމުންނެވެ. އެގޮތުން ޤާސިމް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭ މީހުންނަށް އަދަބު ދިނުމަށް ވަކި ޚާއްޞަ ޤާނޫނެއް ހަދަން ނުޖެހޭ ކަމަށާއި، އެއީ މިހާރުވެސް ހުރި ޢާންމު ޤާނޫނުތަކުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަންކަން ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އެކަން އެހެން އޮއްވާ، އާންމު ގާނޫނުތަކުގެ ތެރެއިން އެމީހެއްގެ މައްޗަށް ދައުވާކުރެވެން އޮއްވާ އިސްވެދިޔަ ސަރުކާރުގައި، މިސްކިތްތަކަށް އިހާނެތި އަމަލުތަކެއްކުރި މީހުންނަށް އެ އަދަބު ދިންތޯއޭ." ޤާސިމް ވިދާޅުވިއެވެ.

ހަމައެއާއެކު ޤާސިމް ވިދާޅުވީ، މިސްކިތްތަކަށް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަކީ މުހިންމު ކަމެއް ނަމަވެސް، ވޭތުވެދިޔަ ސަރުކާރުން އެފަދަ ކަންކަން ކުރި މީހުންނަށް އަދަބު ނުދީ ދޫކޮށްލާފައިވާ ކަމަށެވެ.

އަދި މިސްކިތްތައް އެޅޭނީވެސް އަދި މަރާމާތު ކުރެވޭނީވެސް ދައުލަތުގެ ބަޖެޓުގައި ފައިސާ ހުރި މިންވަރަކުން ކަމަށާއި، ވޭތުވެދިޔަ ތިން ސަރުކާރުން ދައުލަތް ބޮޑުތަނުން ދަރުވާލާފައި އޮތުމުގެ ސަބަބުން، މިއަދުގެ ސަރުކާރަށް އެ ބުރަ އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ ބޮޑު ދަރަނިން ސަލާމަތްވުމަށް ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް މިހެން ވިދާޅުވެފައިވާއިރު، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މި އިސްލާހުގެ މަޤްޞަދަކީ މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ޤާނޫނީ ގޮތުން ކަނޑައެޅުމެވެ. މި އިސްލާހު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ މި އިސްލާހު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް