ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ސައިންޓިފިކް ކުރިމަގުގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަނބަލުންނަށް ހިތްވަރު ދެއްވައިފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހާ ގުޅިގެން، ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ޓެކްނޮލޮޖީ އަދި އީޖާދީ މަސައްކަތްތަކުގައި އަންހެނުން އަދާކުރާ ދައުރަކީ ދެބަސްނުވެވޭނޭ މުހިންމު ދައުރެއް ކަމަށެވެ. އަދި އާ އީޖާދުތަކާއި އިލްމު ކުރިއެރުވުމުގައި އަންހެނުންނަކީ މުހިންމު ބައިވެރިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި، ޚާއްޞަކޮށް އެސް.ޓީ.އީ.އެމް ނުވަތަ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސްގެ ރޮނގުން ގިނަ އަދަދެއްގެ އަންހެން ކުދިން ތަމްރީނާއި ފުރުޞަތުތައް ހޯދަމުންދާތީ އެކަމާ އުފާކުރައްވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ ކުރިމަގު އިތުރަށް އުޖާލާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ސައިންސްގެ ދާއިރާއިން ކުރިމަތިވި ހުރަސްތައް ގިރާކޮށް ކުރިއަށްދިޔަ އަންހެނުންގެ ޚިދުމަތްތައް ފާހަގަކޮށް، ރައީސް ވަނީ ހުރިހާ އަންހެން ކުދިންނަށްވެސް އުނގެނުމާއި، ޚިދުމަތްކުރުމާއި، އިސްނެގުމުގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އޭގެއިތުރުން ރައީސް ވިދާޅުވީ، ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްވެސް އެ މަގު ފަހިކޮށްދީ، ކުރިމަތިވާ ހުރަސްތައް ނައްތާލައި، ގައުމީ ތަރައްގީގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގައި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ސައިންސްގެ ރޮނގުން އަންހެން ކުދިންގެ ހުނަރާއި ޤާބިލުކަން އެހެން ކުދިންނާ އެއްވަރުކަން ނުވަތަ އެއަށްވުރެ އިތުރުކަން ދިރާސާތަކުން ކަށަވަރުވާ ކަމަށެވެ. ނަމަވެސް ގޭތެރެއާއި ކިޔަވައިދޭ މާޙައުލުތަކުގައި ޒަމާނުއްސުރެ ޤަބޫލުކުރެވިފައިވާ ވިސްނުންތަކުގެ ސަބަބުން އެކުދިން ކުރިއަށްދިއުމަށް އަދިވެސް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ސާޖިދާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މިފަދަ ހުރަސްތައް ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އަޒުމް ކަނޑައެޅުމަށް އެކަމަނާ ގޮވާލެއްވިއެވެ. އަދި ކޮންމެ އަންހެން ކުއްޖެއްގެ ކިބައިގައިވާ ފުރިހަމަ ޤާބިލުކަން ދެނެގަނެ، އެކަން ފާހަގަކޮށް، އެކުދިންނަށް ފުރިހަމަ ފުރުޞަތު ހޯދައިދިނުމަށްޓަކައި ބެލެނިވެރިންނާއި، މުދައްރިސުން އަދި މުޅި މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ، ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަގުވާމީ ދުވަހަކީ، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (ސްޓެމް) ގެ ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދީންގެ ފުރިހަމަ އަދި ހަމަހަމަ ބައިވެރިވުން ކަށަވަރުކުރުމަށް ބާރުއެޅުމުގެ ގޮތުން އދ. ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ހާއްސަ ދުވަހެކެވެ.



ކިޔުންތެރިންގެ ހިޔާލު