އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް މ. ވޭވަށު، ކިނާރާ، ރިފްއަތު އަބްދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ އީސީގެ މެންބަރު ކަމަށް ރިފައަތު އައްޔަނު ކުރުމާމެދު މެންބަރުންނަށް ފެނިލަށްވާ ގޮތެއް އަންގަވައި ދެއްވުމަށެވެ.

އެހެންކަމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިއަދު ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނަށް އާ މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެ ކޮމިޝަންގެ މިހާރުގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވާތީއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރެވޭނީ އެކަމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުން ދޭ ފަރާތްތަކަށެވެ.

އިލެކްޝަންސް ކޮމިޝަނަކީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މުއައްސަސާއެކެވެ. މިހާރު ހުށަހަޅާފައިވާ ރިފްއަތު އަބްދުﷲ ގެ ނަމާމެދު ކޮމިޓީން ދިރާސާކޮށް ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް