ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލަން ހުށަހެޅި އިސްލާހު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިއިސްލާޙް މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ، ސަރުކާރުން ހުށަހެޅި ގޮތަށް އިތުރު ބަދަލެއް ނުގެނެސް، ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުން ހުށައެޅި މިއިސްލާޙް މަޖިލީހަށް ބަލައިގެންފައިވަނީ، 46 މެންބަރުންގެ ވޯޓުންނެވެ.މިބިލުގެ ބަހުސް މަރުޙަލާގައި އިދިކޮޅު އެމްޑީޕީން ވަނީ މިބިލާއި ދެކޮޅުކަން ހާމަކޮށްފައެވެ.

ޤާނޫނުއަސާސީއަށް ބަދަލު ގެނަސް ދެ އިންތިހާބު އެއްކޮށްލަން މަޖިލިހުން ފާސްކުރި ނަމަވެސް އެކަން ތަންފީޒު ކުރުމުގެ ކުރިން ރައްޔިތުންގެ ރިފަރެންޑަމަކަށް ދާން ޖެހޭނެއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރެފަރެންޑަމްގެ ވޯޓުވެސް ނެގުމަށެވެ.

ސަރުކާރުން މިވިސްނުން ގެންގުޅެނީ ޚަރަދު ކުޑަކޮށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ކަމަށް މަޢުލޫމާތު އެނގޭ ފަރާތަކުން މިނޫހަށް ޙިއްސާކޮށްފައިވެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލްމަހުގެ ހަތަރުވަނަ ދުވަހުއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ބުނެފައިވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަންވާނެ ކަމަށެވެ.

އެހެންކަމުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން މަޖިލީހުން މިބިލު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު ތަސްދީގު ކުރަށްވަން ޖެހިވަޑައިގަންނަވާނެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އުމުރަކީ ޑިސެމްބަރު 1 އިން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށެވެ. އެހެންކަމުން މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ އުމުރު ޑިސެމްބަރު 1، 2028 އަަށް ހަމަވާނެއެވެ.

އަދި މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ އުމުރު ހަމަވެ، މަޖިލިސް އުވުމާއެކު، އަލަށް އިންތިހާބުކުރާ މަޖިލިހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު 1 ގައި ކަމަށްވެސް އިސްލާޙުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު