ބިޒްނަސް އީމެއިލް ހެކް ކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވާން ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ މިއަދުގެ ޑިޖިޓަލް ޒަމާނުގައި ރަސްމީ މުއާމަލާތްތައް ހިންގުމުގައި އީމެއިލަކީ އެންމެ އަސާސީ އެއް ވަސީލަތް ކަމުގައި ވީނަމަވެސް، މިއީ ކުށްވެރިން ނަހަމަ ގޮތުގައި އެކައުންޓުތަކަށް އެކްސެސްވުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް މަގު ކަމަށެވެ.

ވަކިން ހާއްސަކޮށް، "ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް" (ބީ.އީ.ސީ) އަކީ މުޅި ދުނިޔޭގައި ވެސް މާލީ ސްކޭމް ހިންގުމަށާއި ފައިސާ ވަގަށްނެގުމަށް މިހާރު އެންމެ ގިނައިން ބޭނުންކުރަމުންދާ އެއް އުކުޅުކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނީ މިފަދަ ސްކޭމްތަކުގައި ކުށްވެރިން އީމެއިލް ފޮނުވަނީ އިތުބާރުކުރެވޭ ފަރާތްތަކަށް ވެގެން ކަމަށެވެ. އޭގެ ތެރޭގައި ކުންފުނިތަކުގެ ސީ.އީ.އޯގެ ނަމުގައި ގިފްޓް ކާޑު ގަތުމަށް އެދުމާއި، ސަޕްލަޔަރުންގެ ނަމުގައި ބޭންކު އެކައުންޓު ބަދަލުވިކަމަށް ބުނެ މެސެޖު ފޮނުވުން ހިމެނޭ ކަމަށް ފުލުހުން ހާމަކުރިއެވެ.

ސްކޭމަރުންގެ މަޅީގައި ނުޖެހުމަށްޓަކައި ފުލުހުން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި އަމިއްލަ މައުލޫމާތު ހާމަނުކުރުމަށާއި، އީމެއިލް މެދުވެރިކޮށް ލިބޭ ލިންކުތަކަށް ނުފިއްތުމަށް ވަނީ އަންގާފައެވެ. އަދި އީމެއިލް އެޑްރެސްތަކުގައި ހުންނަ ކުދިކުދި ތަފާތުތަކަށް ސަމާލުވުމަށާއި، ހުރިހާ އެކައުންޓެއްގައި ’ޓޫ-ފެކްޓަރ އޮތެންޓިކޭޝަން‘ ބޭނުންކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، ފައިސާގެ މުއާމަލާތެއް ނުވަތަ އެކައުންޓް ނަންބަރު ބަދަލުކުރަން ބުނެފިނަމަ، އީމެއިލްގައިވާ ނަންބަރުގެ ބަދަލުގައި ކުރިން ވެސް ގުޅުމަށް ބޭނުންކުރި ނަންބަރަށް ގުޅައި އެކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި ފައިސާ ހިފެހެއްޓޭތޯ މަސައްކަތް ކުރުމަށާއި، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 އަށް ގުޅައި (އެކްސްޓޭންޝަން 2020) ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު