ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ކޮއްކޮ، އަބްދުލްކަރީމް އަބްދުﷲ، ލ. ފޮނަދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރަން ފޯމު ހުށަހަޅާފައިވަނިކޮށް، އޭނާގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަބްދުލްކަރީމްގެ ދަރިފުޅު ފާތިމަތު ދުންޔާ އަބްދުލްކަރީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ބުދަ ދުވަހު މަގާމުން ވަކިކުރަށްވާފައެވެ. މީގެ އިތުރުން، ފޮނަދޫ ވެމްކޯގެ ކޭޝިއަރެއްގެ މަގާމުގައި ހުރި އޭނާގެ އަނެއް ދަރިފުޅު އާލިމް އަބްދުލްކަރީމް ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އަބްދުލްކަރީމްގެ ދެ ދަރިން ވަޒީފާއިން ވަކިކޮށްފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓާ ދެކޮޅަށް ވާދަކުރަން ނިންމުމާ ގުޅިގެން ކަމަށް އަބްދުލްކަރީމާއި ޙަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް، އިންތިޚާބުތަކުގައި ވާދަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށް އަބްދުލްކަރީމް ވިދާޅުވެފައިވެއެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރަށްވަނީ މިހާރުވެސް އެ ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހްމަދު ރިޔާޒެވެ. ރިޔާޒަކީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ އަނބިކަނބަލުން ދިޔާނާ ހުސައިންގެ ކޮއްކޮ، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ޒުހުރުބާންގެ ފިރިކަލުންނެވެ.

ލ. ފޮނަދޫއަކީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ ސިޔާސީ ނުފޫޒާއި ކޮންޓްރޯލް ބޮޑު ރަށެކެވެ. އަދި އެ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރަކީވެސް އޭނާއެވެ. އަބްދުއްރަހީމްގެ އެއްމާބަނޑު ކޮއްކޮ އަބްދުލްކަރީމް އަމިއްލަ ގޮތުން އިންތިޚާބަށް ނުކުމެވަޑައިގަތުމުން، ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އޮތް ގާތް ގުޅުމަށް ބުރޫއަރާފައިވާ ކަމަށް ސިޔާސީ ދާއިރާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ފަހަކަށް އައިސް ސިޔާސީ މައިދާނުގައި އަބްދުއްރަހީމްގެ އަޑު ވަރަށް ބޮޑަށް މަޑުވެފައިވާކަން ފާހަގަކުރެވޭއިރު، އޭނާގެ އާއިލީ ބޭފުޅުންނަށް މިފަދަ ފިޔަވަޅުތަކެއް ސަރުކާރުން އެޅުމަކީ ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމެއްގެ ނަތީޖާ ކަމަށް މަސްރަހް ދިރާސާ ކުރަށްވާ ބޭފުޅުން ވިދާޅުވެއެވެ. މީގެ ކުރިން މިސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަޤާމުން އަބްދުއް ރަޙީމްގެ ދަރިފުޅު ފައިސަލްވެސް ވަނީ ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް