މަރްޔަމް ނަހްދާ ވަޙީދު   5 ފެބްރުއަރީ 2026 - 17:11
މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ބިދޭސީ މީހާ-
މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ބިދޭސީ މީހާ-
ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ޖައްސައިގެން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށަ 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ހަސަން އެވެ.

ފުލުހުން ބުނީ ހަސަން ހައްޔަރުކުރީ ފޭސްބުކް މާކެޓްޕްލޭސްގައި ބަންކު ބެޑެއް (ދެބައި އެނދެއް) ވިއްކާނެ ކަމަށް ބުނެ މީހަކާ ވާހަކަދައްކައި، މަކަރާއި ހީލަތުން އެ މީހާގެ އަތުން ފައިސާ އަތުލި މައްސަލައިގައި ކަމަށެވެ.

އެގޮތުން އެ ފައިސާ ވޯކްޕާމިޓް އޮންނަ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން، ހަސަން އެ ފައިސާ ނަގާފައިވާކަން ތަހުގީގުން އެނގިފައިވާކަމަށް ފުލުހުން ހާމަކުރިއެވެ. އަދި ހަސަންއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއްކަންވެސް ފުލުހުންގެ ބެލުމުގެ ދަށަށް އައި ފަހުން ކަށަވަރުވެފައި ވާކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

ހަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ސްކޭމްކޮށްގެން ހޯދާ ފައިސާ ބިދޭސީންގެ އެކައުންޓުތަކަށް ޖަމާކުރުވައިގެން ދައުރުކުރަމުންދާ މައްސަލަތައް މިހާރަކަށް އައިސް އިތުރުވެފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. މިފަދަ މައްސަލަތަކުގައި ބައިވެރިވާ ބިދޭސީ މަސައްކަތްތެރިން ފާހަގަކުރެވިއްޖެނަމަ، މޯލްޑިވްސް އިމިގްރޭޝަނާ އެ މީހަކު ހަވާލުކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މިފަދަ މަކަރާއި ހީލަތުގެ އަމަލެއްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް އާންމުންގެ ކިބައިން ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު