ރައީސް މުއްއިޒު ރިޔާސީ ބަޔާން އިއްވަނީ
ރައީސް މުއްއިޒު ރިޔާސީ ބަޔާން އިއްވަނީ
ސަރުކާރުން ހިންގާ ކުންފުންޏެއް މެދުވެރިކޮށް 10 ރިސޯޓު ތަރައްޤީކޮށް، އޭގެ ފައިދާގެ ގޮތުގައި ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު 400 ޑޮލަރު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދާ މެދު އިޤްތިޞާދީ މާހިރުންނާއި އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދި، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 4 ލައްކަ މީހުންނަށް ބަހަންޖެހޭ 160 މިލިއަން ޑޮލަރުގެ ސާފު ފައިދާ އެންމެ 10 ރިސޯޓުން ނެރެވޭނެ ކަމާމެދު ގިނަ ބަޔަކު ޝައްކު އުފައްދާއިރު، ބައެއް މީހުން މިކަން ސިފަކުރަނީ މިއީ ހިސާބު ނުޖެހޭ ބޮޑު އޮޅުވާލުމެއްގެ ގޮތުގައެވެ. އެގޮތުން، އެންމެ ރިސޯޓަކުން އަހަރަކު 16 މިލިއަން ޑޮލަރުގެ ސާފު ފައިދާ (ނެޓް ޕްރޮފިޓް) ނެރުމަކީ ރާއްޖޭގެ މިހާރުގެ ފަތުރުވެރިކަމުގެ މާކެޓަށް ބަލާއިރު، ހިންގުމުގެ ޚަރަދާއި ލޯނުތައް ދެއްކުމަށްފަހު މިއީ ކުރެވޭނެ ކަމެއްތޯ އެމީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން، މުޅި އަހަރަކު އެއްފަހަރު ލިބޭ 400 ޑޮލަރަކީ (މަހަކަށް ބަލާނަމަ ގާތްގަނޑަކަށް 33 ޑޮލަރު) މިހާރު ރާއްޖޭގެ ތަކެތީގެ އަގު ހުރި މިންވަރަށް ބަލާއިރު، ރައްޔިތެއްގެ ދިރިއުޅުމުގެ ފެންވަރަށް އެއްވެސް ބަދަލެއް އަންނާނެ މިންވަރެއް ނޫން ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މިފަދަ ކުޑަ މިންވަރެއް ބެހުމަށްޓަކައި، ދައުލަތުން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ރިސޯޓުތައް ހެދުމަކީ އިޤްތިޞާދީ ގޮތުން ބަލާއިރު "ބޭކާރު ޚަރަދެއް" ކަމަށާއި، އެ ފައިސާ އުފެއްދުންތެރި އެހެން ކަމަކަށް ޚަރަދުކުރުން މާ ބުއްދިވެރިކަމަށް އިޤްތިޞާދީ މާހިރުން ބުނެއެވެ.

ރިސޯޓު ހަދަން ނަގާ ބޮޑެތި ލޯނުތަކާއި، އޭގެ އިންޓްރެސްޓާއި، އަދި ރިސޯޓު ހިންގުމުގެ ބޮޑު ޚަރަދު ދެކޮޅު ނުޖެހި އޮއްވައި، ރައްޔިތުންނަށް ފައިސާ ބަހާނެ ގޮތުގެ ތަފްސީލީ ޕްލޭނެއްނެތި، ކުރިއައޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް، މީގެ ކުރިން ވެރިކަމަށް ވަދައިގަންނަވަން ވެވަޑައިގެންނެވި ބިއްލޫރި ޓަނަލްއެޅުން ފަދަ ޥަޢުދެއް އަނެއްކާވެސް ވެވަޑައިގެންނެވީ ހަމައެކަނި ސިޔާސީ މަންފާއަކަށްޓަކައި ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ބައެއް މީހުން ބުނާގޮތުގައި މިވަޢުދަކީ ދިވެހި ނިކަމެތި ރައްޔިތުންނަށް ދައްކާ "ރަން ހުވަފެނެއް" ކަމުގައި ނުމެނުދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު