ރައީސުލްޖުމްހޫރިއްޔާ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރަތްކުރަމުންދާ 4،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ބައްލަވާލެއްވުން
ރައީސުލްޖުމްހޫރިއްޔާ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރަތްކުރަމުންދާ 4،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ބައްލަވާލެއްވުން
އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޯހިޔާވަހިކަމެއް ހުރި ނަމަވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭނެ ގޮތަށް ހަމަޖައްސަވައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރަށްވައިފިއެވެ.

މިކަން އިޢުލާނު ކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ މި ނިންމުމަކީ ގޯއްޗާއި ބޯހިޔާވަހިކަން ހޯދުމަށް ރައްޔިތުންނަށް އޮތް ފުރުސަތުތައް ފުޅާކުރުމުގެ މަގުސަދުގައި ނިންމެވި ނިންމެވުމެއް ކަމަށެވެ.

މި ބަދަލާއެކު، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް ރަޖިސްޓްރީވެފައި އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭނެ ވަކި ކެޓެގަރީއެއް ތައާރަފް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު ފެށި "ބިންވެރިޔާ" ސްކީމް އިތުރަށް ފުޅާކޮށް، ގޯތީގައި ޙިއްސާވާ އިތުރު ބައިވެރިންނަށް ވެސް ހާއްސަ ކެޓެގަރީއެއް ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އިންތިޒާމުގެ ދަށުން، ބައިވެރިން އެއްބަސްވާނަމަ، ބައިވެރިވެފައިވާ ބިން ދޫކޮށްލުމަށްފަހު ކޮންމެ ބައިވެރިއަކަށް ވަކި ގޯއްޗެއް ލިބޭނެއެވެ.

ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ 15،000 ގޯތީގެ ތެރެއިން، މި ދެ ކެޓެގަރީއަށް ޖުމްލަ 2،000 ގޯތި ހާއްސަކޮށްފައިވެއެވެ. އެއީ ކޮންމެ ކެޓެގަރީއަކަށް 1،000 ގޯއްޗެވެ. ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށާއި، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ "ހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި މަޝްރޫއުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭ ގޮތަށް 15،000 ގޯއްޗާއި، ގްރޭޓަރ މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގޯއްޗަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހަށެވެ.



ކިޔުންތެރިންގެ ހިޔާލު