ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް-
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް-
ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލްގައި އިންވެސްޓުކުރަނީ ޤާނޫނާއި ގަވާއިދުތަކާއެގޮތް ވާގޮތުގެ މަތިން ކަމަށާއި، މި މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑަކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފިއެވެ.

ޕެންޝަން އޮފީހުން މިހެން ބުނެފައިވަނީ ދައުލަތުގެ މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން އިއްޔެ ނިންމާފައިވާ ކަމުގެ އަޑުތަކެއް ފެތުރުމާ ގުޅިގެން، މި މުއާމަލާތާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި 2.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ކަމަށެވެ.

އެ އޮފީހުން ބުނީ ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބިނާކޮށް އެ އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ނިންމާފައިވަނީ، މިހާތަނަށް ޕެންޝަން ސްކީމުން އިންވެސްޓްކޮށްފައިވާ ޓްރެޒަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާއިން ކަމަށެވެ.

މި އިންވެސްޓްމަންޓާ ގުޅޭގޮތުން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުންތައް ނިންމުމުގައި މައިގަނޑު ގޮތެއްގައި ރިއާޔަތްކޮށްފައިވާ ކަންކަމުގެ ތެރޭގައި ޑުއަލް ކަރަންސީ ބޮންޑު ގަތުމަށް ފައިނޭންސް ކުރުމަށް ސެކަންޑަރީ މާރކެޓުގައި ވިއްކާލަންޖެހޭ ބޮންޑުތައް ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށް ވިއްކާލުމާއި، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ދުރު ރާސްތާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ ހެދުމުގައި ލިބިފައިވާ ކޮންސަލްޓަންޓުންގެ ލަފައާއި އެއްގޮތަށް، އިންވެސްޓްމަންޓުތައް ސިންދަފާތުކޮށް ފަންޑުގެ ވިލުންވެރިކަން ހަރުދަނާކުރުމުގެ ގޮތުން އިންވެސްޓްމަންޓުގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓް ކުރުމާއި، އިންވެސްޓްކޮށްފައިވާ އެސެޓްތަކުގެ އެވަރެޖް ޑިއުރޭޝަން ދިގުކުރުމާއި، އަދި ޕޯޓްފޯލިއޯ ރިޒާވް އިތުރުކުރުން ހިމެނޭ ކަމަށް ޕެންޝަން އޮފީހުން ހާމަކުރެއެވެ.

ޕެންޝަން އޮފީހުން ބުނިގޮތުގައި މި މުއާމަލާތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދިއުމެވެ.

މީގެ އިތުރުން މިހާރު ހުރި ބައެއް ޓްރެޒަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯގެ އެވަރެޖް ޑިއުރޭޝަން ދިގުވެ، ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމަށްވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ އޮފީހުން ބުނީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ބޯޑުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މެންބަރުންގެ މަސްލަހަތު ހިމާޔަތްކޮށް، އެންމެ ފައިދާހުރި ގޮތަށް ފަންޑު ބެލެހެއްޓުން ކަމަށެވެ. އެގޮތުން މި މުއާމަލާތުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން، ކޮންސަލްޓަންޓުންގެ ލަފައާ އެއްގޮތަށް ކަމުގެ ޔަގީންކަން އެ އޮފީހުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު