ޗަގޯސް މައްސަލަ
ޗަގޯސް މައްސަލަ
ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭގޮތުން ހުރި މުހިންމު މަޢުލޫމާތުތަކެއް ބްރިޓޭނިކާ އެންސައިކްލޮޕީޑިއާގައި ވަނީ ޝާއިޢުކޮށްފައެވެ.

މި ރިޕޯޓުގައިވާ ގޮތުން، އިންޑިއާ ކަނޑުގެ މެދުތެރޭގައި، އިންޑިއާގެ ދެކުނުން ގާތްގަނޑަކަށް 1،600 ކިލޯމީޓަރު ދުރުގައި އޮންނަ މި ޖަޒީރާ ރަށްތަކަކީ ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިންމު ސަރަޙައްދެކެވެ. މި އާކިޕެލަގޯގައި ހިމެނޭ އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާ އެވެ. މިއީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ރަށެކެވެ.

ފޯޅަވަހީގެ ތާރީޚަށް ބަލާއިރު، 16 ވަނަ ގަރުނުގައި ޕޯޗުގީޒުން މި ރަށްތައް ހޯދިއިރު މިއީ މީހުން ދިރިއުޅޭ ރަށްތަކެއް ނޫނެވެ. ނަމަވެސް، 18 ވަނަ ގަރުނުގެ ފަހުކޮޅު ފަރަންސޭސިވިލާތުން މި ރަށްތަކަށް ވެރިވެ، މޮރިޝަސްގެ ބައެއްގެ ގޮތުގައި ކޮކޯ ދަނޑުވެރިކަން ކުރަން ފެށިއެވެ.

އޭގެ ފަހުން 1814 ވަނަ އަހަރުގެ ޕެރިސް މުޢާހަދާގެ ދަށުން މި ރަށްތައް އިނގިރޭސިވިލާތުގެ ބާރުގެ ދަށަށް ދިޔައެވެ. 1965 ވަނަ އަހަރު އިނގިރޭސިވިލާތުން 'ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ' އުފައްދައި، ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި އެތަނުގައި ތިބި އަސްލު ވަޒަންވެރިން ނުވަތަ 'ޗާގޯސިއަނުން' އެ ރަށްތަކުން މަޖުބޫރުން ބޭރުކޮށްލިއެވެ.

މި ރަށްތަކުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ދަޢުވާތަކަށް ބަލާއިރު، މޮރިޝަސްއިން ވަނީ މިއީ އެގައުމުގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ބުނެ ބައިނަލްއަގުވާމީ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައެވެ. 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ލަފާގައި ވަނީ އިނގިރޭސިވިލާތުން އެ ސަރަޙައްދު ވަކިކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށާއި، ވީ އެންމެ އަވަހަކަށް އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި ދާދި ފަހުން ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ބްރިޓޭނިކާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، މޭ 2025 ގައި އިނގިރޭސިވިލާތުން ވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމުގެ މުޢާހަދާގައި ސޮއިކޮށްފައެވެ.

ނަމަވެސް، 2026 ގެ ކުރީކޮޅާ ހަމައަށް އައިއިރުވެސް މި މުޢާހަދާ ފުރިހަމައަށް އަމަލީ ސިފައަށް އައުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ދަނީ ކުރިއަށެވެ. މީގެ އިތުރުން، ޑިއޭގޯ ގާސިއާގައި އޮތް އަސްކަރީ މަރުކަޒު ކުރިއަށް އޮތް 99 އަހަރަށް ބޭއްވުމުގެ ހުއްދަ މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތަށް ލިބިގެންވެއެވެ. ރާއްޖެއިން ވެސް އަންނަނީ ފޯޅަވަހީގެ މިލްކުވެރިކަން ހޯދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބައިނަލްއަޤްވާމީ ކޯޓުގައި ރާއްޖެއިން ވަނީ ރާއްޖެއާއި ފޯޅަވައްސާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ބެހުމަށް އެއްބަސްވެ ކަނޑުގެ ބޮޑު ބައެއް ދޫކޮށްލާފައެވެ. މި މައްސަލައިގެ ކޯޓު މަރުހަލާގައި ސަރުކާރަކުން ފޯޅަވަހީގެ މިލްކުވެރިކަމާމެދު ސުވާލެއްވެސް އުފައްދާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު