އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް
އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރީޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަކީ "ވަރަށް ގޯސް" ނިންމުމެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑީ ބާންހަމްއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ޖަޒީރާތަކުގެ މިލްކުވެރިކަމަށް މީގެ ކުރިން ދުވަހަކުވެސް ދައުވާކޮށްފައިނުވާ ބަޔަކަށް ކުއްލިއަކަށް އެ ސަރަހައްދު ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޗާގޯސްގެ ތެރޭގައި ހިމެނޭ ދިއޭގޯ ގާސިއާއަކީ އަސްކަރީ އަދި ސްޓްރެޓީޖިކް ގޮތުން ނުހަނު މުހިންމު ސަރަހައްދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިގޮތުން، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެމެރިކާގެ ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތައް ކައިރި މަރުކަޒަކަށް ޖެއްސުމުގެ ބަދަލުގައި، އަނބުރާ އެމެރިކާގެ މިޒޫރީއަށް ދަތުރުކުރަން ޖެހުނުކަން ޓްރަމްޕް ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، މި ސަރަހައްދުގެ އަސްކަރީ މުހިންމުކަން ބޮޑުކަމުން، އިނގިރޭސި ސަރުކާރުން މި އެއްބަސްވުން އަލުން މުރާޖާކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވީ، ކުރީ ސަރުކާރުން ވާރުތަވެފައިވާ މި މައްސަލައަށް އަވަސް ހައްލެއް ހޯއްދަވަން ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި ދިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އިނގިރޭސި އަދި އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދެ ގައުމުގެ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައި، އެމެރިކާއާއި މޮރީޝަސްއާއެކު މަޝްވަރާކޮށްގެން އެންމެންނަށް އެއްބަސްވެވޭފަދަ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ސަރުކާރުން ނިންމާފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރީޝަސްއަށް ދިނުމަށްފަހު، ދިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު 99 އަހަރުގެ މުއްދަތަކަށް ކުއްޔަށް ނެގުމަށެވެ. ނަމަވެސް، ރައީސް ޓްރަމްޕް މި އެއްބަސްވުމާ ދެކޮޅު ހެއްދެވުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުން މި ނިންމުން ތަންފީޒުކުރުމަށް ކުރަމުންދިޔަ ގާނޫނީ މަސައްކަތްތައް މިހާރު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު