ފަލަކީ ހިސާބުތަކަށް ބަލާއިރު 2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނެ ކަމަށް ބޮޑަށް ބެލެވެނީ ފެބްރުއަރީ މަހުގެ 19 ވާ ބުރާސްފަތި ދުވަހު ކަމަށް "ގަލްފް ނިއުސް" އިން ރިޕޯޓްކޮށްފިއެވެ.

އިސްލާމީ ގައުމުތަކުން ރަމަޟާން މަހުގެ ހަނދު ބެލުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު ނަމަވެސް، އެ ދުވަހުގެ އިރުއޮއްސޭ ވަގުތު ހަނދު ފެނުމަކީ ނާދިރު ކަމެއް ކަމަށް ފަލަކީ މާހިރުން ބުނެއެވެ.

އިންޓަރނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓަރު (އައި.އޭ.ސީ) އާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، އަންގާރަ ދުވަހު އިރުއޮއްސޭއިރު އިސްލާމީ ގިނަ ގައުމުތަކަށް ހަނދު އޮޮއްސޭނީ އިރަށްވުރެ ކުރިން ނުވަތަ އިރާ އެކުގައެވެ. މިސާލަކަށް ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި އިރުއޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން، ހަނދު ބަލައިގެން މަސް ފަށާ ގައުމުތަކަށް ޝައުބާން މަހުގެ 30 ދުވަސް ހަމަކުރުމަށްފަހު ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 19 ކަމުގައި ވުމުގެ ފުރުސަތު ބޮޑެވެ.

ފަލަކީ މާހިރުން އިތުރަށް ފާހަގަކުރާ ގޮތުގައި ފެބްރުއަރީ 18 ވާ ބުދަ ދުވަހުގެ އިރުއޮއްސޭ ވަގުތު ހަނދު އުޑުމަތީގައި ގިނައިރު ހުންނާނެތީ، އެ ދުވަހު ހަނދު ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަބޫދާބީ ފަދަ ސަރަހައްދުތަކުގައި ބުދަ ދުވަހު އިރުއޮއްސުމަށްފަހު 58 މިނެޓު ވަންދެން ހަނދު އުޑުމަތީގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

ނަމަވެސް، ބައެއް ގައުމުތަކުން ތަފާތު މިންގަނޑުތަކަށް އަމަލުކުރާނަމަ، ފެބްރުއަރީ 18 ވާ ބުދަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅުމަކީވެސް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، އަންގާރަ ދުވަހު އިރުކޭތައެއް ހިފާނެ ކަމަށް ދައްކާތީ، އެ ދުވަހު ހަނދު ފެނުމަކީ ސައިންޓިފިކް ގޮތުން ނުވާނެ ކަމެއް ކަމަށްވެސް މާހިރުން ބުނެއެވެ.

އަދި ހަނދު ބަލާ ވަގުތު އުޑުމަތިން ވިނަސް (ޒުހުރާ) ފެންނަން ހުންނާނެތީ، އެއީ ހަނދު ކަމަށް ހީކޮށް އޮޅުން ނޭރުމަށްވެސް މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ. ރަމަޟާން މަސް ފެށޭ ރަސްމީ ތާރީހު ކަނޑައަޅާނީ އެ ދުވަހަކު ހަނދު ފެނުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ނިންމާ ނިންމުމަކަށް ފަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު