ޞާދިރު ޢަލީދީދީ   18 މާރިޗު 2026 - 12:30
އަސްލު "މެރީ މީ" ޗިކަން:
އަސްލު "މެރީ މީ" ޗިކަން:
ދުނިޔޭގެ އެކިކަންކޮޅުތަކަށް ވަރަށް ބޮޑަށް ވައިރަލްވެގެންދިޔަ މެރީ މީ ޗިކަން ރެސިޕީ އުފެއްދި ލިންޑްސޭ ފަންސްޓަން މިރެސީޕީ ޑެލިޝްގައި އާއްމުކުރަމުން ބުނައިފަވެއެވެ. " މީހުން އަބަދުވެސް އަހަރެންގާތު އަހައެވެ. ތިބާ އުފެއްދި ރެސިޕީތަކުގެ ތެރެއިން އެންމެ ކަމުދަނީ ކޮން ރެސިޕީއެއް ހެއްޔެވެ؟ ޖަވާބަކީ އަހަރެން ގަޔާވާ ވަރަށް ގިނަ ރެސިޕީތައް ހުރި ނަމަވެސް، އޭގެ ތެރެއިން އަބަދުވެސް އެއްވަނަ ލިބޭނީ މި "މެރީ މީ" ޗިކަން އަށެވެ. މިއީ ކޮންމެ ފަހަރަކުވެސް ކާލުމުން މީހާ ހައިރާންކޮށްލާ ފަދަ މީރު ކުކުޅު ކެއުމެކެވެ. މީގައި ކުކުޅުގެ މޭމަތީ މަސްކޮޅު ރަން މުށިކުލަ އަރަންދެން ތެލުލުމަށްފަހު، ވަރަށް މީރު ކްރީމް ސޯސްއެއްގެ ތެރޭގައި ފިހެލަނީއެވެ. އޭގެ ނަތީޖާއަކީ ކޮންމެ އެތިކޮޅަކުންވެސް މީރު ރަހައެއް ލިބިދޭ ކަމެވެ."

ލިންޑްސޭ ފަންސްޓަން އަކީ "ޑެލިޝް" (Delish) ގެ ކުރީގެ އެގްޒެކެޓިވް އެޑިޓަރެވެ. އޭނާ ވަނީ އެ ބްރޭންޑްގެ ކެއުންބުއިމާއި، ސަގާފަތާއި، ވީޑިއޯ އަދި ސޯޝަލް މީޑިއާގެ ހުރިހާ ކޮންޓެންޓެއް މެނޭޖްކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. ގިނަ އަހަރުތަކެއް ވަންދެން އޭނާ އެ ބްރޭންޑްގައި ތަފާތު އެކި މަގާމުތައް ފުރާފައިވެއެވެ. އޭގެ ތެރޭގައި ތަފާތު ކެއުންތައް ހޯދުމަށް ގައުމުގެ އެކި ހިސާބުތަކަށް ދަތުރުކުރުމާއި، ކާބޯތަކެތީގެ ފޮޓޯއާއި ވީޑިއޯތައް ތައްޔާރުކުރުމުގެ އިތުރުން، އައު ރެސިޕީތައް ތަޖުރިބާކުރުމުގައި އަމަލީ ގޮތުން ބައިވެރިވުން ހިމެނެއެވެ.

މިހާ ބޮޑު މަޤުބޫލުކަމެއް ލިބުނު ގޮތް

ލިންޑްސޭ ބުނާގޮތުގައި މި ރެސިޕީގެ ނަން ތިޔަބޭފުޅުންނަށް ފަރިތަހެން ހީވާނަމަ، އޭގެ ސަބަބަކީ ޓިކްޓޮކްގައި އެހާ ބޮޑު މަޤުބޫލުކަމެއް ލިބުމުންނެވެ. އަދި އެހާމެ ބޮޑަށް ވައިރަލްވީ އަސްލު "މެރީ މީ" ޗިކަން އުފެއްދީ "ޑެލިޝް" (Delish) އިން ކަމަށްވާތީއެވެ. ލިންޑްސޭ ބުނެފައިވާ ގޮތުން މި ރެސިޕީ އިންޓަނެޓްގައި އެހާ ބޮޑަށް ފެތުރިގެން ދިއުމުން، "ނިއު ޔޯކް ޓައިމްސް" އިން ވެސް މިކަމާ ގުޅޭގޮތުން ލިޔުނުކަމަށާއި އަދި އޭނާ އެރެސިޕީ އުފެއްދިތާ ހަތް އަހަރު ފަހުން، 2023 ވަނަ އަހަރު އެމީހުން ތައްޔާރުކުރި މި ރެސިޕީގެ ވަރޝަން ވެގެންދިޔައީ އެ އަހަރުގެ އެންމެ މަގުބޫލު ރެސިޕީ އަށެވެ. ހާއްސަ މީހަކަށް ކަމެއް ކޮށްދޭން ބޭނުންވިޔަސް ނުވަތަ އާދައިގެ ރެއެއްގެ ކެއުން ހާއްސަކޮށްލަން ބޭނުންވިޔަސް، މިއީ ކޮންމެހެންވެސް ތައްޔާރުކޮށްލަން ޖެހޭ އެއްޗެކެވެ. އަދި މި ރެސިޕީ ތައްޔާރުކޮށް ރަހައިގެ އަޖުމަ ބަލާލަން ބަޔަކަށް އަދި މީހަކަށް ދަޢުވަތު އަރުވާއިރު ސަމާލުވުމަށްވެސް ލިންޑްސޭ ވަނީ ބެނެފައެވެ. ސަބަބަކީ މި ކުކުޅުގެ ފުރަތަމަ އެތިކޮޅާއެކުވެސް މީހަކު ތިބާދެކެ ލޯބިވާކަމަށް އިއުތިރާފުވެދާނެތީއެވެ.

"މެރީ މީ" ޗިކަން އަށް މިނަން ދެވުނު ގޮތް:

ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބަޔަކަށް އިނާ ގާޓަންގެ "އެންގޭޖްމަންޓް ރޯސްޓް ޗިކަން" ގެ ވާހަކަ އިވިފައި އޮވެދާނެއެވެ. ނަމަވެސް، ލިންޑްސޭ ބުނާގޮތުން މިއީ އެއަށްވުރެ މާ މީރު އެއްޗެއް ކަމަށެވެ. 2016 ވަނަ އަހަރު މި ރެސިޕީ އުފެއްދިއިރު، އޭނާ މަސައްކަތް ކުރަމުންދިޔައީ މީހުން ބަދިގެއަށް ވަންނަން ބޭނުންވާ ފަދަ މީރު ކާއެއްޗެހިތައް ތައްޔާރުކުރާށެވެ. އެދުވަސްވަރު "ޓަސްކަން ޗިކަން ޕާސްޓާ" ވަރަށް ބޮޑަށް މަޝްހޫރުވެފައި އޮތުމުން، އޭނާ ބޭނުންވީ އޭގެ ރަހަތައް ހިމެނޭ، ނަމަވެސް މާ ބޮޑަށް ސޯސް ގިނަ "ސްކިލެޓް" (ތާސް) ވަރޝަނެއް ތައްޔާރުކުރާށެވެ. މިގޮތުން އޭނާ ފުރަތަމަ އެ ރެސިޕީ ތައްޔާރު ކުރީ "ސިސިލިއަން ޗިކަން ސްކިލެޓް" ގެ ނަމުގައިއެވެ. ނަމަވެސް އެ ތައްޔާރުކޮށް ނިމުމުން އެނަން އޭނާ އެހާ ގަޔާވާގޮތެއް ނުވިއެވެ. އެހެންހުއްޓާއި މި ރެސިޕީ ވީޑިއޯ ކުރި ދުވަހު، ލިންޑްސޭގެ ވީޑިއޯގްރާފަރު ޗެލްސީ މި ކުކުޅު ރަހަ ބަލާލުމަށްފަހު "މި ކުކުޅު ދީފިނަމަ އަހަރެން ކަލެއާ ކައިވެނިވެސް ކޮށްފާނަން!" މިގޮތަށް ބުނި ކަމަށެވެ. މިއީ މަޝްހޫރު މެރީ މީ ޗިކަން އަށް އެނަން ދެވުނު ގޮތެވެ.

މެރީ މީ ޗިކަން ތައްޔާރުކުމަށް ބޭނުންވާ ތަކެތި:

• 3 ސައިސަމުސާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް (ބައިބަޔަށް ބަހާލައިގެން)

• 4 ކުކުޅުގެ މޭމަތީ މަސް (ކަށި ނެތް، ހަން ނެތް)

• ކޯޝާ ލޮނު

• މުގުރި އަސޭމިރުސް

• 2 ލޮނުމެދު (ހިމުންކޮށް ކޮށާފައި)

• 1 ސައިސަމުސާ ފްރެޝް ތައިމް ފަތް (Thyme)

• 1 ސައިސަމުސާ ރަތް މިރުސް ފުއް (Crushed red pepper flakes)

• 3/4 ޖޯޑު ޗިކަން ބްރޮތް (ލޮނު މަދު)

• 1/2 ޖޯޑު އަވީގައި ހިއްކި ޓޮމާޓޯ (Sun-dried tomatoes - ހިމުންކޮށް ކޮށާފައި)

• 1/2 ޖޯޑު ހެވީ ކްރީމް

• 1/4 ޖޯޑު ގާނާފައި ހުރި ޕާމޭޒާން ޗީޒް

• ކޮށާފައި ހުރި ފްރެޝް ބެސިލް (މަތީގައި އަތުރާލުމަށް)

ތައްޔާރު ކުރާނެގޮތް:

މި ކެއުން ތައްޔާރުކުރާނެ ގޮތުގެ އިރުޝާދުތައް ތިރީގައި އެވަނީއެވެ.

ފުރަތަމަ މަރުހަލާ:

އަވަންގެ މެދު ރެކުގައި ބަހައްޓައިގެން 375 ޑިގްރީ ފަރަންހައިޓަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަވަނަށް ލެވޭ ފަދަ ބޮޑު ތަވައަކަށް ސަމުސަލެއްގެ ތެޔޮ އަޅައި މެދުގިނީގައި ހޫނުކުރާށެވެ. ކުކުޅުގައި ހެޔޮވަރަކަށް ލޮނާއި އަސޭމިރުސް ހާކައިގެން، ދެފަރާތް ރަން މުށިކުލަ އަރަންދެން ފިހެލާށެވެ. (ކޮންމެ ފަރާތަކަށް ގާތްގަނޑަކަށް 5 މިނެޓު). ކުކުޅުކޮޅު ރަންކުލަ އެރުމުން ތަށްޓަކަށް ނަގާށެވެ.

ދެވަނަ މަރުހަލާ:

ހަމަ އެ ތަވައިގެ ތެރެއަށް ބާކީ ހުރި 2 ސަމުސާ ތެޔޮ އަޅައި، ލޮނުމެދާއި، ތައިމް އަދި ހިިކި މިރުސްކޮޅު އަޅައިގެން މީރުކޮށްލާށެވެ. މީރުވަސް ދުވަން ފެށުމުން އޭގެ ތެރެއަށް ބްރޮތް (broth)، ޓޮމާޓޯ، ކްރީމް އަދި ޕާމީޒާން ޗީޒް އެއްކޮށްލުމަށްފަހު ލޮނު ހެޔޮވަރުކޮށްލާށެވެ. ސޯސްގަނޑު ކެކެން ފެށުމުން، ކުރިން ފިހުނު ކުކުޅުކޮޅާއި އޭގެން ފޭބި ދިޔަކޮޅު އަލުން ތަވައަށް އަޅާލާށެވެ.

ތިންވަނަ މަރުހަލާ

ކުކުޅުތައް ހުރި ތަވާ އަވަނަށް ލައިގެން 10 ނުވަތަ 12 މިނެޓު ވަންދެން ފިހެލާށެވެ. ކުކުޅުކޮޅު އެތެރެއަށް ދަންދެން ރަނގަޅަށް ރޯފިލާފައި ހުރިތޯ ބަލާށެވެ.

ހަތަރުވަނަ މަރުހަލާ

ކުކުޅުކޮޅު ތަށްޓަކަށް ނެގުމަށްފަހު، މައްޗަށް ސޯސްގަނޑު އަޅާލާށެވެ. އެންމެ ފަހުން މައްޗަށް ބެސިލް ފަތްކޮޅެއް ބުރުއްސާލުމުން މިހިރީ ކެއުމަށް ތައްޔާރުވެފައެވެ.

ރައްކާކުރުން:

ބާކީވާނަމަ، ވައި ނުވަންނަ ފަދަ ކޮންޓޭނަރެއްގައި ބަންދުކޮށް، ރެފްރިޖަރޭޓަރުގައި 3 ދުވަސް ވަންދެން ބެހެއްޓޭނެއެވެ. އަލުން ހޫނުކުރާއިރު ސޯސްގަނޑު މާ އޮލަހެން ހީވާނަމަ ކުޑަ ފެންފޮދެއް އެއްކޮށްލާށެވެ.



މެރީ މީ ޗިކަންއާއެމެދު މީހުން ބުނަނީ ކީކޭ؟

"ވަރަށް މީރު! އަހަރެންގެ ބައިވެރިޔާއަށްޓަކައި މިއުފެއްދިން... އިރުޝާދުތަކާ އެއްގޮތަށް ކެއްކުމުން ވަރަށް ފުރިހަމަވި!.. ނަސީބު ދެރަކަމުން އަދި ކައިވެންޏަކާ ހަމައަކަށް ނުދޭ... އެކަމަކު ކެއުން ހަމަ ވަރަށް މީރު." - ޕާޕަލް ފިޝް

"މިރޭ މިއީ މި ކުކުޅު ކައްކާ ދެވަނަ ފަހަރު! މިއީ އަހަރެން މިހާތަނަށް ކެއި އެންމެ މީރު އެއް ކުކުޅު ކެއުން! މީގެ ސޯސް ހަމަ އަޖައިބެއް ކަހަލަ!" – ގޭޓަރމޭން



ކިޔުންތެރިންގެ ހިޔާލު