ޕީއެންސީގެ ލީޑަރޝިޕް
ޕީއެންސީގެ ލީޑަރޝިޕް
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވާދަވެރި އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ ހަތަރު ރަށެއްގެ ކައުންސިލް ރައީސްކަމުގެ ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވޯޓަކާ ނުލައި ކަށަވަރުވެއްޖެއެވެ.

މި އިންތިޚާބުގައި ވާދަވެރި ކެންޑިޑޭޓަކު ނެތުމުގެ ސަބަބުން އިންތިޚާބަކާ ނުލައި ގޮނޑި ކާމިޔާބުކުރި ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުގެ ދެ ރަށަކާއި އދ. އަތޮޅުގެ ދެ ރަށެއް ހިމެނެއެވެ.

ހއ. އަތޮޅުން ޕީއެންސީއަށް ކާމިޔާބުވި ދެ ގޮނޑީގެ ތެރެއިން، ހއ. އުތީމު ކައުންސިލްގެ ރައީސްކަން ކާމިޔާބު ކުރެއްވީ މިހާރުވެސް އެ މަގާމުގައި ހުންނެވި އަބްދުالله ރަޝީދެވެ. އަދި ހއ. ބާރަށު ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވަނީ އަލީ ޝަމީމްއެވެ.

އދ. އަތޮޅުން ޕީއެންސީއަށް ކަށަވަރުވި ދެ ރަށަކީ އދ. މަންދޫ އާއި އދ. ދިއްދޫއެވެ. މަންދޫ ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގެންނެވީ މިހާރުގެ ވެސް ރައީސް މުހައްމަދު ސައީދެވެ. އަދި ދިއްދޫ ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި އަނީސް މުހައްމަދަކީ މިހާރުވެސް އެ ކައުންސިލްގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މި ގޮނޑިތައް ޕީއެންސީއަށް ކަށަވަރުވެފައިވަނީ، އިދިކޮޅު އެމްޑީޕީ ހިމެނޭހެން އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ އަމިއްލަ ގޮތުން ވެސް އެއްވެސް ފަރާތަކުން މި ދާއިރާތަކަށް ކުރިމަތިލާފައި ނުވުމުންނެވެ. ކައުންސިލް ރައީސްކަމުގެ އިތުރުން، މި ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކާއި، ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިވެސް ޕީއެންސީއަށް ވަނީ ކަށަވަރުވެފައެވެ.

މި ކެންޑިޑޭޓުންނަށް ގޮނޑި ކަށަވަރުވެފައި ވީނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިކަން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. އާންމު އުސޫލުން މިފަދަ ހާލަތްތަކުގައި ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިއުލާނުކުރުމަށްފަހު، އެ ފަރާތްތައް އިންތިޚާބުވިކަން ކޮމިޝަނުން ފަހުން އިއުލާނު ކުރާނެއެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ އިއްޔެގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު