ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. ޝަމްހީދު
ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ރެފެރެންޑަމަކަށް ދިއުމަށް ސަރުކާރުން ސިއްރިއްޔާތުގައި ނިންމާފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވެފައި މިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދާއި ރައީސް މުހައްމަދު މުއިއްޒު ވަކިން ބައްދަލުކުރައްވާފައި ވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށެވެ. މި ބައްދަލުކުރެއްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްހީދު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ކައުންސިލް އިންތިޚާބާއި އެކު ބާއްވަން ސަރުކާރުން ސިއްރިޔާތުގައި ނިންމާފައި ވާކަމަށެވެ.

އަދި ‏ސަރުކާރުގެ މަޤްޞަދަކީ ކައުންސިލް އިންތިޚާބުގެ ނުފޫޒު ބޭނުންކޮށްގެން، އޮޅުވާލުންތަކެއްގެ ތެރެއިން މިކަން ކާމިޔާބު ކުރުން ކަމުގައިވެސް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި ބިލަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. އެ ގާނޫނުގެ ދަށުން އައްޑޫ ސިޓީ ކައުންސިލް ބައިކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދި އެވެ. އޭގެ ފަހުން އަދި ރިފަރަންޑަމެއް ނަގާފައި ނުވީނަމަވެސް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު