ހަސަން މަމްދޫހު (މަންޑޭ)
ހަސަން މަމްދޫހު (މަންޑޭ)
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "ކޭޕާކް ރެސިޑެންސް"އާ ގުޅޭ މައްސަލަތަކުގައި ދަޢުލަތުން ދަޢުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 94 ދައުވާއެއް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށްގެންދާ ކުންފުނީގެ ރާއްޖޭގެ އޭޖެންޓު ކަމަށްވާ ހަސަން މަމްދޫހުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކޮރެއާގެ ހަންބޯ ޓެކް ކުންފުނިންނާއި އަރބަންކޯއިންނެވެ. އެމައްސަލާގައި އޭނާ ހައްޔަރުކުރީ 2023 ޖުލައި 5 ވަނަ ދުވަހުއެވެ.

ކޭޕާކްގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން އެތައް ފައިސާއެއް އަތުލި ކަމަށް ތުހުމަތުކޮށް މަންޑޭގެ މައްޗަށް 104 ދައުވާ ދައުލަތުން ކޮށްފައިވެއެވެ. އެ މައްސަލާގައި އޭނާގެ އެޕާޓްމެންޓާއި އޭނާގެ އަގު ބޮޑެތި ސާމާނުތަކެއް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެން މަންޑޭ މިއަދު ކޯޓަށް ޙާޟިރުކޮށްފައިވާއިރު، މަންޑޭގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން މިއަދު ނިންމާފައިވަނީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި، ޓެކުމުގެ 46 ދައުވާ އާއި، މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެވެ.

އަދި މި މައްސަލާގައި ކޮށްފައިވާ މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވެފައިވާތީ، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 (އޭރިއާ 2597.58) އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް (02-13) ޕާކިންގ ސްލޮޓް ދައުލަތަށް ނެގުމަށް ކޯޓުން ނިންމާފައިވެއެވެ.

މި މައްސަލާގައި މަންޑޭއާއެކު ދެން ދައުވާ އުފުލާފައިވާ ރ. އަލިފުށީ ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް ވަނީ ސާބިތުވެފައެވެ. ޖައިޝާންގެ މައްޗަށް ދައުލަތުން ކުރި 95 ދައުވާގެ ތެރެއިން ސާބިތުވެފައިވަނީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާއާއި، ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާގެ އިތުރުން މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާއެވެ.

ކޭޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ 5 އިންސައްތަ ހިއްސާ އޮންނަ މަންޑޭގެ މައްޗަށް ދައުލަތުން މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއާއި، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެއް އުފުލިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، މި މައްސަލާގައި ބާކީ ހުރި ދައުވާތަކާ މެދު ގޮތެއް ނިންމުމާއި، ކުށް ސާބިތުވި ދައުވާތަކަށް އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން މަކަރާއި ހީލަތާ އޮޅުވާލުމުގެ ތެރެއިން ގިނަބަޔަކަށް ފްލެޓް ވިއްކައި އެމީހުންގެ އަތުން މަންޑޭ ވަނީ ފައިސާވެސް ނަގާފައި ކަމަށް މައި ކުންފުނިންވަނީ ތުހުމަތު ކޮށްފައެވެ. އަދި ފްލެޓްތައް ވިއްކިއިރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްފައިވާ ލިޔުންތަކެއް ހަދައި، ވިއްކި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި މަންޑޭގެ އިތުރުން ޖައިޝަން ސައީދު ކިޔާ މީހަކު ވަނީ ސޮއިކޮށްފައެވެ. ޖައިޝަން އަކީ ކޭޕާ އެކު މަަސައްކަތް ކުރާ ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކޯދި އިންވެސްޓްމަންޓްސްގައި މަންޑޭގެ އިތުރުން ހިމެނޭ ހިއްސާދާރެކެވެ.

ކޭޕާކްގެ ޚިޔާނާތާއި ގުޅިގެން ނިއުޅިފައިވާ މަޢުލޫމާތަށް ބަލާއިރު މަހުޖަނެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި ކުއްލިޔަކަށް މަޝްހޫރުވި މަންޑޭ ވަނީ އެއްވެސް އަގަކާއި ނުލައި މި ޖަރީމާ ހިންގުމަށް އޭނާއަށް އެހީތެރިވި ފަރާތްތަކަށް ހިލޭ ސާބަހަށް އެޕާޓްމެންޓުދީ އަދި އެމީހުން ފައިސާ ދެއްކި ކަމަށް ޑޮކިއުމެންޓް ހަދާދީފައެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.

މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު