ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ރާއްޖެއިން ބޭރުގައި ސްޓޫޑެންޓް ލޯނާއި ސަރުކާރުގެ ސްކޮލަޝިޕްގެ ދަށުން ތައުލީމް ހާސިލްކުރަން ގޮސް ތިބި ކުދިންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެފައިވާ އިހުމާލުތަކާބެހޭ ރިޕޯޓެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށާއި މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ރިޕޯޓު މިނިސްޓްރީއަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ރިޕޯޓު ހުށަހަޅަމުން ކުޑޫ ވިދާޅުވީ މި ރިޕޯޓަކީ ލޯނާއި ސްކޮލަޝިޕްގައި ކިޔަވަމުންދާ ދަރިވަރުންނަށް މިނިސްޓްރީން ވެފައިވާ އިހުމާލުތައް ބަޔާންކޮށް، ރައްޔިތުންހެ މަޖިލީހަށާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން އާންމުންނަށް އެކަންތައް ހާަމަކުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބި ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ވެފައިވުމާއި، ޓިކެޓް ފައިސާ އާއި އެހެނިހެން ހަރަދުތަކުގެ ބަދަލު ހޯދަން ހުށަހެޅިތާ އެތައް މަހެއް ވީއިރުވެސް ފައިސާ ޖަމާވެފައި ނުވުމާއި، ފައިސާ ލަސްވުމުގެ ސަބަބުން ކުލި ދެއްކުމަށާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާ ނެތި ދަރިވަރުން ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިފައިވުން ހިމެނެއެވެ.

އަދި މިނިސްޓްރީއިން އީމެއިލްތަކަށް ޖަވާބު ނުދޭކަމާއި، ވަޓްސްއަޕް މެދުވެރިކޮށް ސާފުނޫން ޖަވާބުތަކެއް ދެމުން ގެންދާކަންވެސް މެމްބަރު ކުޑޫ ހުށަހެޅި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އެ ރިޕޯޓުގައި ވަނީ ބައެއް ދަރިވަރުންނާއި ބެލެނިވެެރިންގެ ކަންބޮޑުވުންތައްވެސް ހިމަނާފައެވެ. އެގޮތުން މިހާރު ދެވޭ ސްޓައިޕެންޑަކީ މީގެ ގިނަ އަހަރުތަކެއް ކުރީގެ ރޭޓްތަކަކަށްވުމުން، އިންފްލޭޝަންއާ ގުޅިގެން އެ ފައިސާއިން ހަރަދުތައް ހަމަނުޖެހޭކަމުގެ ކަންބޮޑުވުން ދަރިވަރުން ވަނީ ފާޅުކޮށްފައެވެ.

އަދި މިނިސްޓްރީން ކޯސް ފީ ނުދެއްކުމުގެ ސަބަބުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި

ކިޔަވާ ދަރިވަރުންގެ އެކައުންޓްތައް ސަސްޕެންޑްކޮށް، ނަތީޖާ ނުފެނުމާއި ކްލާސްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާއިރު، ބައެއް ދަރިވަރުންގެ ސްކޮލާޝިޕް ކެންސަލްވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ކުޑޫގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ދަރިވަރުން ހުށަހަޅާ ލިޔެކިޔުންތައް ގެއްލުމާއި، އެއް ލިޔުމެއް ތަކުރާރުކޮށް ހުށަހަޅަން އެންގުމާއި ކަމާ ބެހޭ މުވައްޒަފުންނާ ބައްދަލުނުވުން ފަދަ ކަންބޮޑުވުންތައްވެސް ދަރިވަރުން ހިއްސާކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ދަރިވަރުން ގުޅުމުން ފޯނު ނުނެގުމާއި، ދަރިވަރުންގެ މެސެޖުތައް "ސީން" ކުރުމަށްފަހު ޖަވާބު ނުދިނުމަކީ އާންމު ކަމެއް ކަމުގައި ފާހަގަކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މިނިސްޓްރީގެ މަސައްކަތްތައް ހުރި ގޮތުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ސަރުކާރުގެ ނިޒާމަށް އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށްވެސް ކުޑޫ ހުށަހެޅި ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަކީ މިނިސްޓްރީގެ ފަރާތުން ވަގުތުން އިސްލާހުކުރަންޖެހޭ ކަންކަން ކަމުގައި މެމްބަރު ކުޑޫ ވަނީ ފާހަގަކޮށްފައެވެ. އަދި ދަރިވަރުންނަށް ލިބެމުންދާ ގެއްލުންތަކަށް މިނިސްޓްރީން ހައްލު ހޯދައިދޭން ޖެހޭ ކަމަށްވެސް ކުޑޫ ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި މިނިސްޓްރީގެ ފަރާތުން ޖަވާބެއް ހޯދުމަށް މިއަދު މެމްބަރު ކުޑޫ ވަނީ މިނިސްޓްރީއަށް ޒިޔާރާތްވެސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު