ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު
މިއަހަރުގެ މިހާތަނަށް 498 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލަތަކާއި ގުޅުންހުރި 997 ފަރާތެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 137 ބިދޭސީން ހިމެނޭ ކަމަށެވެ. އަދި އެމީހުން ޑިޕޯޓްކޮށްލާފައިވާ ކަމަށް ފާތިޙް ވިދާޅުވިއެވެ.

"ޑިސެމްބަރު 20 ވަނަ ދުވަހާ ހަމަޔަށް މަސްތުވާތަކެތި ހިކި އެއްޗެހީގެ ގޮތުގައި 498.99 ކިލޯގްރާމްގެ މަސްތުވާތަކެތި ސީޒްކުރެވިފައިވޭ، އެއީ މަގުމަތީގެ އަގަކަށް ބަލާނަމަ 871 މިލިއަނަށްވުރެ ބޮޑު އަދަދެއް." ފާތިހު ވިދާޅުވިއެވެ.

ހަމައެއާއެކު ފާތިހް ވިދާޅުވީ، ބަނގުރަލުގެ ގޮތުގައި 6،860 ފުޅިއާއި ދަޅު އަތުލައިގަތްއިރު، އެތަކެތީގެ އަގު 3.9 މިލިޔަނަށްވުރެ މައްޗަށް އަރާކަމަށެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް އަތުލައިގަނެވުނު ބަނގުރަލާއި ހިކި މަސްތުވާތަކެތީގެ ޖުމްލަ އަގު 875.24 މިލިއަނަށް އަރާ ކަމަށް ފާތިހު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ފާތިޙް މިއަދު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާކަމަށް ފާހަގަކުރެވުނު 11 ޑްރަގް ކެފޭއެއް މިއަހަރު ބަންދު ކުރެވުނު ކަމަށެވެ. އަދި މިއަހަރު ހިންގި 188 އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 301 މީހަކު އެންޑީއޭގެ ރިމާންޑަށް ފޮނުވާފައިވާ ކަމަށް ފާތިހް މަޢުލޫމާތު ދެއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު