އިންތިހާބެއްގައި ވޯޓު ލަނީ، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އިންތިހާބެއްގައި ވޯޓު ލަނީ، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ޖުމުލަ 154 ކެންޑިޑޭޓުން އަދި ޕީއެންސީގެ ޕްރައިމަރީގައި 308 ކެންޑިޑޭޓުން ވާދަކުރާނެކަން އެޕާޓީތަކުން ހާމަކޮށްފިއެވެ.

ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް ހޯދުމަށް 25 ރަށަކުން 92 ކެންޑިޑޭޓުން ކުރިމަތިލިއެވެ. އަދި ފަސް ސިޓީއަކުން 37 ކެންޑިޑޭޓުންނާއެކު ޖުމްލަ 129 މީހުން ވަނީ ކުރިމަތިލައިފަ އެވެ. އެމްޑީޕީގެ ޓިކެޓު ހޯދަން އަންހެނުންގެ ކޮމެޓީއަށް 23 ކެންޑިޑޭޓުން ވާދަކުރެއެވެ.

ޕީއެންސީގެ ޕްރައިމަރީގައި ކައުންސިލްތަކަށް 183 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކަށް 121 ކެންޑިޑޭޓުން ވާދަކުރާނެއެވެ. ޕީއެންސީން މި ފަހަރު ނިންމާފައި ވަނީ ހަމައެކަނި ރަށްރަށުގައި ޕްރައިމަރީގެ ވޯޓުލުން ބޭއްވުމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިހާބު އޮންނާނީ 16 ޖަނަވަރީ 2026 ވާ ހުކުރު ދުވަހު ކަމަށް އެ ޕާޓީން ހާމަކޮށްފައިވެއެވެ. އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވާނެކަން އެޕާޓީން ވަނީ އިއުލާން ކޮށްފައެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު