ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް، ފޮޓޯ: އިމިގްރޭޝަން
އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް، ދަންވަރު ގަޑީގައި ބޭރަށް ނުކުމެ އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް އިއްޔެ ފެށި ޕްރޮގްރާމްގެ ދަށުން، ރޭ 23 ބިދޭސިއަކާ ސުވާލުކޮށް، ޤަވާޢިދާ ޚިލާފަށް އުޅުނު އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަޤުތުތަކުގައި ރަށު ތެރޭގެ ޢާންމު މަޞްލަޙަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ، ރެއިން ފެށިގެން އެ މީހުން ހުއްޓުވައި، ސުވާލުކުރުމަށް އަންގަވާފައެވެ. އެހެންކަމުން ރޭ ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ވަނީ އެ މަސައަކަތް ފަށާފައެވެ.

ފުލުހުން ބުނީ ރޭ ދަންވަރު، ބޭރުގައި އުޅެނިކޮށް ހުއްޓުވައި، 23 ބިދޭސީއަކާ ސުވާލުކޮށްފައި ވާކަަމަށެވެ.

އަދި އޭގެ ތެރެއިން ޤަވާޢިދާ ޚިލާފަށް އުޅެނިކޮށް ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، އެމީހާ އިމިގްރޭޝަނާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

ރެއިން ފެށިގެން ކޮންމެ ރެޔެއްގެ ދަންވަރު 12 އިން ފެށިގެން ހެނދުނު 6 އާ ހަމައަށް އާއި ހުޅުމާލޭގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގެ މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ނިންމާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގެ ދަށުން ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއް ނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި، ފުލުހުން އެމީހުންނާ ސުވާލު ކުރާނެއެވެ. އަދި ބިދޭސީން ފާސްކުރާއިރު ފާހަގަކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އަޅަންށާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް އިމިގްރޭޝަނާ ޙަވާލުކުރާނެ ކަމަށް ފުލުހުން ހާމަކުރިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިހާތަނަށް 202،000 ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި، ދެ އަހަރު ތެރޭ 9،697 ބިދޭސީން ޑީޕޯޓުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު