ވަގު ޓީޓީ ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ޝިފާއު-
ވަގު ޓީޓީ ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ޝިފާއު-
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް، މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، (37އ) ގެ މައްޗަށް މަނީ ލޯންޑަރިންގެ 7 ދަޢުވާއެއް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލައާ ގުޅިގެން ޝިފާއު ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ފަހުން ބަންދު ކުރުމަށްފަހު އޭނާ ދޫކޮށްލުމުން ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށް އޭނާ ރާއްޖެއަށް ގެނައީ އިންޓަރޕޯލް ނޯޓިސް ނެރެގެންނެވެ.

މި މައްސަލާގައި ދަޢުލަތުން 23 ދައުވާއެއް ޝިފާއުގެ މައްޗަށް އުފުލާފައިވާއިރު، އޭގެ ތެރެއިން 16 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނޮވެމްބަރު 30ގައި ވަނީ ނިންމައިފައެވެ. އެދުވަހު އޭނާގެ މައްޗަށް ސާބިތުވީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއެވެ.

އަދި މިއަދު ޝިފާއުގެ މައްޗަށް ސާބިތުވެފައިވަނީ މަނީ ލޯންޑްރިންގެ ހަތް ދައުވާއެވެ. އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާތައް ކޮށްފައިވަނީ، ބޭރުގެ އެކިއެކި ކުންފުނިތަކަށް ސައްހަ ނޫން ޓީޓީ ފޮނުވައިގެން އޮރެންޖާއި މެންޑްރިން އަދި އަނބު ފަދަ ގިނަ އަަދަދެއްގެ މޭވާތަކެއް، މަކަރާ ހީލަތުން ހޯދާފައިވާތީއެވެ.

ދަޢުލަތުން ވަނީ މިމުދާތަކުގެ އަގަށްވާ 1.9 މިލިއަން ރުފިޔާ ޝިފާއުގެ އަތުން ނަގައިދިނުމަށް ވެސް އެދިފައެވެ. ނަމަވެސް ގާޒީ އަލީ ނަދީމް ނިންމެވީ، އެ ފައިސާ ހުރިތަނެއް ދަޢުލަތަށް ސާފުކޮށްދެވިފައި ނުވާތީ، އެފައިސާ ނަގައިދެވެން ނެތް ކަމަށެވެ.

ހަމައެއާއެކު ޤާޟީ ނަދީމް މިއަދު ނިންމަވާފައިވަނީ ޝިފާޢުގެ މައްޗަށް ސާބިތުވީ ހުރިހާ ދަޢުވާއެއްގެ އަދަބު ކަނޑައެޅުން އަންނަ ބުރާސްފަތި ދުވަހު ބޭއްވެވުމަށެވެ. ޝިފާއުގެ މައްޗަށް ސާބިތުވެފައިވާ 23 ދަޢުވާގެ އަދަބެއްގެ ގޮތުން 38 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު