އިލެކްޝަންސް ކޮމިޝަން-
އިލެކްޝަންސް ކޮމިޝަން-
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އާންމު މެންބަރުންނަށް ވަގުތުން ވަކިވެވޭ ގޮތަށް ބަދަލު ގެނައުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މިހާރު ޕާޓީގެ ދަފްތަރުން މެންބަރަކު ވަކިކުރަނީ، ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކުން ވަކިވުމަށް އާންމު މެންބަރުންނަށް މިހާރުވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ޖެނުއަރީ 1 އިން ފެށިގެން މިކަން ވަގުތުން ކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް ސިޔާސީ ޕާޓީތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން (މިސާލަކަށް ޗެއަރޕާސަނާއި، ރައީސާއި، ހަޒާންދާރާއި، ރަޖިސްޓްރާ ފަދަ މަޤާމުތައް) ޕާޓީން ވަކިވާން އެދޭ ހާލަތުގައި ވަގުތު ނަގާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އެއީ އެ މަޤާމުތަކުގެ މައުލޫމާތު ކޮމިޝަނުގެ ރެކޯޑުގައި ހިމެނެންޖެހޭތީ ކަމަށް އެ ކޮމިޝަނުން ހާމަކުރިއެވެ.

މީގެ އިތުރުން، ޤާނޫނު އަސާސީގެ ދަށުން ޕާޓީ ބަދަލުކުރުމުން ނުވަތަ ވަކިވުމުން ގޮނޑި ގެއްލޭ މަޖިލިސް މެންބަރުންނާއި، އަދި ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ގޮނޑި ގެއްލޭ ކައުންސިލަރުން ޕޯޓަލް މެދުވެރިކޮށް ވަކިވާން އެދިއްޖެނަމަވެސް، ޖެނުއަރީ މަހުން ފެށިގެން ވަގުތުން ޕާޓީން ވަކިކޮށްދޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ސަލާހު ރަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދޭ ފޯމު ޕްރޮސެސް ކުރުމަށް މިހާރު ނަގާ 3 ދުވަހުގެ މުއްދަތުވެސް ވަގުތުން ކުރެވޭ ގޮތަށް ބަދަލު ކުރުމަށް މަޝްވަރާތައް މިހާރު ކުރެވެމުން ދާކަމަށެވެ.

މި ބަދަލުތައް ގެނައުމުގެ މަޤްސަދަކީ، ޕާޓީއަކުން ވަކިވެ އެހެން ޕާޓީއެއްގެ އިންތިޚާބެއްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް 14 ދުވަހުގެ މުއްދަތުގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ނައްތާލުމާއި، އަދި ބައެއް ޕާޓީތަކުން މެމްބަރުން ވަކިވިޔަ ނުދީ ހިފަހައްޓާ ކަމުގެ ޝަކުވާތައް ހައްލުކުރުން ކަމަށް ސަލާހު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު