މީގެ ކުރިން ފޮތްތައް ރަށްރަށަށް ގެންދިއުމުގެ ތެރެއިން
މީގެ ކުރިން ފޮތްތައް ރަށްރަށަށް ގެންދިއުމުގެ ތެރެއިން
އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތަޢުލީމާބެހޭ ވުޒާރާއިން ފަށައިފިއެވެ.

އެވަޒާރާއިން ބުނީ އަންނަ ޖެނުއަރީ 27 ގައި ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ފޮތްތައް ފޯރުކޮށްދިނުމަކީ ވުޒާރާގެ އަމާޒު ކަމަށެވެ.

ދަރިވަރުންނަށް ބޭނުންވާ ފޮތްތަކުގެ އިތުރުން މުދައްރިސުން ހަމަޖެއްސުމާއި ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް ވުޒާރާއިން ބުނެއެވެ. އެގޮތުން ސްކޫލްތައް އާބާތުރަ ފިލުވުމަށް 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާއިރު، އަންނަ އަހަރު ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މި މަހުގެ 25 ގައި ނިމި، އަންނަ އަހަރު ޖެނުއަރީ 27 ގައި ދިރާސީ އައު އަހަރު ފެށޭނެއެވެ. އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި 24 އިން 30 އަށް ލިބޭއިރު، ފުރަތަމަ ޓާމްގެ ޗުއްޓީ ޖުލައި 17 އިން އޯގަސްޓް 1 އާ ހަމައަށެވެ. ދެވަނަ ޓާމް އޯގަސްޓް 2 ގައި ފަށާ، ޑިސެމްބަރު 18 ގައި ނިމި، 2027 ވަނަ އަހަރުގެ ޖެނުއަރީ 12 އާ ހަމައަށް ބޮޑު ޗުއްޓީ ލިބޭނެއެވެ. 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ގައެވެ.

ތަޢުލީމީ އައު ކަލަންޑަރުގައި އަލަށް ސްކޫލަށް ދަރިވަރުން ވައްދާނެ ތާރީޚް (ޖުލައި 12 އިން އޯގަސްޓް 31 އަށް) އަދި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުތައް (މެއި 17 އިން ޖޫން 15 އަށް އަދި އޮކްޓޫބަރު 18 އިން ނޮވެމްބަރު 17 އަށް) ވެސް ވަނީ ހިމަނާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، ދިރާސީ އައު އަހަރުގައި ދަރިވަރުން ކިޔަވާނީ އެސީކޮށްފައިވާ ކްލާސްރޫމްތަކެއްގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު